ވައިރަސްއާ ގުޅިގެން އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވުމަށް ކަމާއިބެހޭ އެންމެހައި އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވައިފިއެވެ.
މި މަޢުލޫމާތު އޮޅުންފިލުއްވާ އިރުޝާދު ދެއްވާފައިވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނާއިއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވާ، އެމަނިކުފާނުވަނީ މިކަމުގައި ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތްކުރުމަށް އިރުޝާދު ދެއްވާފައެވެ.
މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، މިކަމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދިވެހި ރައްޔިތުންނާއި މި ޤައުމަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރައްވާ، މިކަމުގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވުމަށް ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.