ހަލުވިކަމާއެކު މިހާރު ފެތުރެމިންދާ ކޮރޯނާ ވައިރަހާ ގުޅޭ ހަބަރުތައް ގެނެސްދޭއިރު ރައްޔިތުން ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ވައިރަސްގެ ޙަބަރު ނުފެތުރުމަށް މީޑިއާ ކައުންސިލުން އިލްތިމާޒު ކޮށްފިއެވެ.
މީޑިޔާ ކައުންސިލުން މިރޭ ވަނީ ކޮރޯނާ ވައިރަހާ ގުޅޭ ހަބަރުތައް ގެނެސްދިނުމުގައި ސަމާލުކަންދޭންވީ ތިން ކަމެއް ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:
1- ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނުއުފެދޭނެ ގޮތަށް ވިސްނުމަށާއި، ރާއްޖޭގެ އިގުތިސާދާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން ހަބަރާއި މައުލޫމާތު ފެތުރުން
2- ކޮރޯނާ ވައިރަސްގެ ހަބަރާއި މައުލޫމާތު ފެތުރުމުގައި ޑަބްލިއުއެޗްއޯގެ ހިސާބުތަކަށް ރިއާޔަތް ކުރުމަށް އިސްކަން ދިނުން
3- މި ވައިރަސްއާ ބެހޭ ގޮތުން ފަތުރާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުން
ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ގައުމަށް ދިމާވާ މިފަދަ ހާދިސާތަކުގައި ހުރިހާ މީޑިޔާތަކުން މިހާތަނަށް އަމަލުކޮށްފައިވާ ޒިންމާދާރުކަން ބަލައިގަނެ، އެގޮތުގައި މި ހާލަތުގައި ވެސް ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ.