ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ރާއްޖެ އިން ފެނިއްޖެ

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސެއް ރާއްޖެ އިން ފެނިގެން އޭނާގެ ޓެސްޓްތައް ހަދަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ރޭގެ ވަގުތެއްގައި ރާއްޖެ އައި މީހެކެވެ. އޭނާ އައީ ޗައިނާގެ ޒިއާބިން ސިޓީގައި ބޭއްވި ފެއާއެއްގައި ބައިވެރިވުމަށް ފަހުއެވެ.

އެގޮތުން މި ވައިރަހަށް ޝައްކު ކުރެވެނީ ރޭގެ ވަގުތެއްގައި ޗައިނާގެ އިން ރާއްޖެ އައި 20 އަހަރުގެ ފިރިހެނަކަށް ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ މިހާރު ވަނީ ކ. ފުނަދޫގައި ކަރަންޓީނުކޮށްފައެވެ.

“ކޮރޯނާ ވައިރަސް ހުރެދާނެ ކަމަށް ދެނެގަތުމަށްޓަކާ، މިހާރު ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރެއަށް ފެތޭ ކަމަށް ބެލެވޭ އުމުރުން 20 އަހަރުގެ ބޭފުޅެއް، ޗައިނާގެ ޒިއާމިން އަށް ދަތުރުކުރި ބޭފުޅެއް، އިތުރަށް ބެލުމަށްޓަކާ މަސައްކަތްތަކެއް ކުރަމުން މިގެންދަނީ” އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި އޭނާ އަކީ މި ވައިރަސް އަށް ޝައްކު ކުރެވޭ މިންގަނޑުގެ ތެރޭގައި ހިމެނޭ، ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ހުންނަ “މީޓް މާކެޓަކަށް” ޒިޔާރަތް ކޮށްފައިވާ މީހެއްގެ މިންގަނޑެއް ފެތޭ މީހެއް ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އޭނާ ރޭ މާލެ އައުމުން އެއާޕޯޓުންވެސް ސްކްރީން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު އެ ވައިރަސް އޭނާގެ ގައިގަައި ހުރިކަން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

“މި ބޭފުޅާ އެއާޕޯޓުން ބެލިއިރު ހުމުގެ އަސަރެއް ނެތް. އެހެންނަމަވެސް އޭނާ އައުމަށްފަހު ރޯގާގެ ކަމެއް ހުރި ކަމަށް ފާހަގަކުރެވިގެން ޓެސްޓު ކުރިއިރު ވެސް އޭނާގެ ހުމުގެ އަލާމާތެއް ނެތް. އެހެން ނަމަވެސް އޭނަގެ ސްކްރީނިންގެ ތެރޭގައި އޭނާގެ ޓްރެވެލް ހިސްޓްރީ އާއި އޭނާ ދިޔަ ތަންތަނުގެ މައުލޫމާތު ހޯދުމުގެ ތެރެއިން ފާހަގަކުރެވުނީ އޭނާ ވޭތުވެދިޔަ 14 ދުވަސްތެރޭގައި މިފަދަ މާކެޓަކަށް ގޮސްފައިވާ ކަމަށް” އަމީން ވިދާޅުވިއެވެ.

އެމީހާގެ ސާމްޕަލްތައް ޑަބްލިއުއެޗްއޯ މެދުވެރިކޮށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭނާގެ އާއިލާ އަށް ވާހަކަ ދެކެވި ދޭންޖެހޭ މައުލޫމާތުތައް މިހާރު ދީފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!