އެއާޕޯޓުގައި ޓޫރިސްޓުންނަށް އެހީވާން ހެލްޕް ޑެސްކެއް

ދުނިޔޭގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ހާލަތް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާކަމަށެވެ. އެގޮތުން ފަތުރުވެރިންނާއި ޓޫރިޒަމް ސިނާޢަތުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އެހީތެރިވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިނިސްޓްރީގެ ހެލްޕް ޑެސްކެއް ޤާއިމްކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލާތު ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިނިސްޓްރީގައި “ސިޗުއޭޝަން މޮނިޓަރިންގ ޔުނިޓް” އެއް ޤާއިމްކޮށްފައިވާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ މިނިސްޓްރީގެ “ސިޗުއޭޝަން މޮނިޓަރިންގ ޔުނިޓް”ގެ ހޮޓްލައިން ނަންބަރު 7223131 އަދި ހެލްޕް ޑެސްކް ނަންބަރު 9423131 އަށް ގުޅުއްވުމަށް މިނިސްޓްރީން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!