ދަރުމަވެރިޔާ ހިޝާނަށް ގޮތް ހުސްވެ ރާއްޖެ ދޫކޮށް ދަނީ

ނިކަމެތިންނަށް އެހީވުމުގައި މުޅި ރާއްޖެއަށް މިސާލު ދައްކަމުން ގެންދާ އަހްމަދު ހިޝާން އަށް ބިރުދައްކާ މަރުގެ އިންޒާރު ދެމުންދާތީ މިހާރު ބޭނުންވަނީ ރާއްޖެ ދޫކޮށް ދާން ކަމަށް އޭނާ ބުނެފިއެވެ.

ރާއްޖޭގައި އިޖްތިމާޢީ އެހީތެރިންގެ ގޮތުގައި ފާޅުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަޙްމަދު ހިޝާނަކީ ހިލޭސާބަހަށް އިންސާނިއްޔަތައް މަސައްކަތްކޮށްދިނުމުގެ ދާއިރާއިން އަގުނުކުރެވޭ ފަދަ އެތައް މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ. އުމުރުން ދުވަސްވީ ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ފަޤީރު ނިކަމެތި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަމުގެ އަތް ހިޝާން ދިއްކޮށްލަނީ އޯގާތެރިކަމާއި ހިތްހެޔޮކަމާއެކުއެވެ.

ރައީސް ޞޯލިޙްއާއި، ނައިބު ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން ޓެގްކުރައްވާ ހިސާން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، 18 އަހަރު ވަންދެން ނިކަމެތިންގެ ހައްޤުތައް ހޯދުމަށް މަގުތަކަށް ނުކުމެގެން ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި، އިންޒާރު ކަމަށާއި، އެވަރުން ފުދޭ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ގައުމު ދޫކޮށްފައި ދާން ކަމަށްވެސް ހިޝާން ވިދާޅުވިއެވެ.

“މި ގައުމުގައި ހައްގު ބަސް ބުނާ މީހުންނަކަށް ދިރިހުރުމުގެ ހައްގެއް ނެތް. އަހަރެން މިހާތަނަށް ކުރި މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެ ފަރާތްތަކުން ދިން ހިތްވަރާއި ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރީއްޔާ” ހިޝާން ވިދާޅުވިއެވެ.

2014 އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންށާއި މީހުންނަށް ޚިދުމަތް ކުރުމާއި، ފުދުންތެރިބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ޙިޝާނަށް ސަރުކާރުން ދެއްވާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!