އާސަންދަ ސްކީމުގެ ތެރެއިން ނަފްސާނީ ބަލީގެ ބައެއް ޚިދުމަތްތައް ކަވަރކުރަން ފަށައިފިއެވެ.
އާސަންދަ ކުންފުނިން، އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް އާސަންދައިން ކަވަރު ކުރާނެ ކަމަށެވެ.
އެގޮތުން ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އާސަންދަ ސްކީމުން ކަވަރުކުރާނެއެވެ.
އާސަންދައިން ބުނީ ސްކީމްގެ ދަށުން ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކަށް މިފަދަ ޚިދުމަތްތަކަށް ކަނޑައެޅިފައިވަނީ އަހަރަކަށް ޖުމުލަ -/5000 ރުފިޔާ ކަމަށެވެ.
ނަފްސާނީ ބަލިތަކަށް ޚާއްސަ ކްލިނިކެއް ހުޅުވައި އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ވަޢުދުފުޅެކެވެ.