ރާއްޖެ އަންނަން ބުކިންގ ހެއްދި 5556 މީހަކު ބުކިންގ ކެންސަލްކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބުކިން ކެންސަލޭޝަންގެ އަދަދު މިހާރު ދެގުނަ އަށް އިތުރުވެފައިވާ ކަމަށާއި އެގޮތުން މިނިސްޓްރީ އަށް ރިޕޯޓުކޮށްފައިވާ އަދަދު 5،556 އަށް އަރާފައިވާ ކަމަށެވެ.
“ބުކިން ކެންސެލޭޝަން މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ އަދަދު މިހާރު ވަނީ 5،556 ގައި. އޭގެ ތެރޭގައި ޗައިނާގެ 3،693. އިޓަލީިގެ 397. ޖަރުމަންގެ 187 ޔޫކޭގެ 162،” މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވަނީ ސީދާ ޗައިނާއިން އަންނަ ފްލައިޓްތައްވެސް އައުން މަނާ ކުރުމަށް ނިންމާފަ އެވެ. އެ ނިންމުމާއެކު ބުކިން ކެންސެލޭޝަންގެ އަދަދު އަނެއްކެސްވެސް އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގައި މިހާތަނަށް 170 މީހަކު މަރުވެފައިވާއިރު، މި ބަލިން ރައްކާތެރި ވުމަށްޓަކައި ރާއްޖެއިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.