އިންތިހާބަށް ސީއެސްސީގެ އެހީ ހޯދަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ދެ ކޮމިޝަނުން ސޮއިކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކޮމިޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް އެވެ. ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ރައީސް އަލީ ޝަމީމް ވިދާޅުވީ އީސީއާއެކު އެ ކޮމިޝަނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން އަންނަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ބޭނުންވާ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުން ހަމަ ކުރުމުގެ ގޮތުން ސިވިލް ސާވިސް މުވައްޒަފުން ހަމަޖައްސައިދޭނެ ކަމަށެވެ.

“އެއްބަސްވުމުގައިވާ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަމާއި އެއްބާރުލުން ދޭ ކަމުގެ 100 ޕަސެންޓް ޔަގީން ކަން ދެން، އަންނަ އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު މި ބާއްވާ އިންތިހާބުތައް ވެސް އަމާން އޮމާންކަމާއެކު ބޭއްވުމަށްޓަކައި ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކޮށްދިނުމަށް އަޅުގަނޑު މިއަދު ގޮވާލަން،” އަލީ ޝަމީމް ވިދާޅުވި އެވެ.

އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަކީ ފުރަތަމަ ފަހަރަށް ދެ އިންތިހާބެއް އެއް ދުވަހެއްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދުވަސް ކަމަށް ވުމުން އެ ދުވަހުގެ އިންތިހާބު އެތައް ގޮތަކުން ތަފާތުވާ ކަމަށެވެ. އަދި އެހާ ގިނަ އަދަދެއްގެ މީހުން އިންތިހާބު ކުރާ ފުރަތަމަ ފަހަރު ކަމުން ވެސް އީސީއަށް މި ފަހަރު ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، އަންނަ ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ގިނަ އަދަދެއްގެ ވޯޓު ކަރުދާހާއި ވޯޓު ފޮށި ބަހައްޓަން ޖެހޭތީ ގިނަ އަދަދެއްގެ އޮފިޝަލުން ވެސް ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ، ގާތްގަނޑަކަށް 6،500 އޮފިޝަލުން އަންނަ އިންތިހާބަށް ބޭނުންވާ ކަމަށާއި އެ އަދަދަށް އޮފިޝަލުން ހޯދުމުގައި ސީއެސްސީ އާއި ސިވިލް ސާވިސް މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ، މީގެ ކުރިން ބޭއްވި އިންތިހާބުތަކުުގައި ވެސް ފޯކަލް ޕޮއިންޓުންނާއި އޮފިޝަނުންގެ ގޮތުގައި ގާތްގަނޑަށް 85 ޕަސެންޓް ހަރަކާތްތެރިވެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!