ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު އިންޑިއާ އިން މިއަދު ފެނިއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
އެ ގައުމުން ކޮރޯނާ ވައިރަސް ފެނިފައި ވަނީ ކެރެލާއިންނެވެ.
ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ، ޗައިނާގައި މި ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ ވުހާން ސިޓީގައި ތައުލީމް ހާސިލް ކުރަމުން ދިޔަ އިންޑިއާ ދަރިވަރަކަށެވެ. އޭނާ އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ގައުމަށް އެނބުރި އައި ފަހުންނެވެ.
މީގެ އިތުރުން، އިންޑިއާގައި މި ބައްޔަށް ޝައްކުވާ އިތުރު ބަޔަކު ތިބިއިރު، އޭގެ ތެރެއިން 18 މީހެއްގެ ޓެސްޓު ހަދަން ވަނީ ފޮނުވާފައެވެ. އަދި އިތުރު 10 މީހަކަށްވެސް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.
ޕްރެސް އިންފޮމޭޝަން ބިއުރޯ އިން ބުނީ ވައިރަސް ފެނުނު މީހާ އަށް ހޮސްޕިޓަލްގެ އައިޒޮލޭޝަން ވޯޑެއްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި ޑޮކްޓަރުން ދަނީ ބަލި މީހާގެ ހާލަތު ވަރަށް ގާތުން ބަލުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ވައިރަހުގެ އާލާމާތްތަކަށް ޝައްކު ކުރެވޭ 400 މީހުން ކެރަލާގައި އޮބްޒަވޭޝަނުގައި ތިބި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އިންޑިއާގެ އެކި އެއާޕޯޓްތަކުން މިހާތަނަށް ވަނީ 30،000 މީހުން ސްކްރީން ކޮށްފަ އެވެ. ޝައްކުވާ ބައެއް މީހުންނަށް ވަނީ ދިއްލީ އާއި މުމްބާއީގެ ހޮސްޕިޓަލްތަކުގެ އައިޒޮލޭޝަން ވޯޑުގައި ފަރުވާދީފަ އެވެ.
ޖެނުއަރީ 1 ގެ ފަހުން ޗައިނާ އިން ދަތުރުކޮށްފައިވާ މީހަކު ނަމަ ހުން އައުންފަދަ އަލާމާތެއް ފެންނަ ނަމަ އެންމެ ކައިރީގައިވާ ސިއްހީ ފަރުވާދޭ މަރުކަޒަކަށް ރިޕޯޓް ކުރުމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
އިންޑިއާއާ އެކު ކޮރޯނާވައިރަސް ފެނުނު ގައުމުތަކުގެ އަދަދު މިހާރު ވަނީ 17 އަށް އަރައިފަ އެވެ.