ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހަކު އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވެސް ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް މިބަލީގެ ހުރިހާ ކްރައިޓީރިޔާއަށް ފެތޭ ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ނުފެންނަ ކަމަށެވެ.
އެޗްޕީއޭގެ ޓްވީޓްގައި ކޮރޯނާވައިރަސްގެ ހާލަތާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ކޮންމެ ދުވަހަކު ނެރެމުން އަންނަ ރިޕޯޓްގެ އަންގާރަ ދުވަހުގެ އަދަދު ވެސް ހިމަނާފައި ވެއެވެ. އިނގިރޭސިބަހުން އޮތް އެރިޕޯޓްގައި ހިމެނެނީ އަންގާރަ ދުވަހާއި ހަމައަށް ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދުތަކާއި، ބަލި ފެނުނު ގައުމުތަކުގެ މައުލޫމާތާއި، ބައްޔާއި ގުޅިގެން އަޅަންޖެހޭ ބައެއް ފިޔަވަޅުތަކެވެ.
ކޮރޯނާވައިރަސް ރާއްޖެ އިން ފެނިދާނެ ކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
މިއަދު ޗައިނާ ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 170 އަށް ވަނީ އަރާފައެވެ.