ޗައިނާ ރޯގާއަށް މުޅި ދުނިޔެވެސް ސަމާލުވެ އޮތުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި

ޗައިނާއިން އުފެދި ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ވައިރަހުން ދިފާއުވުމަށް ގައުމުތަކުން ފިޔަވަޅު އެޅުމަށާ، އެ ރޯގާއަށް މުޅި ދުނިޔެވެސް ސަމާލުވެ އޮތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންޒާރުކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ސިއްހީ ކާރިސާތަކާ ބެހޭ މަޝްރޫއުގެ އިސްވެރިޔާ ޑރ މައިކް ރާޔަން ވަނީ، 2019-އެންކޯވްއާ ދެކޮޅަށް “ހަނގުރާމަ ކުރުމަށް މުޅި ދުނިޔެ އެލާޓްގައި” އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ ހުރިހާ ސަރަހައްދަކުން މިހާރު ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 170 އަށް ވަނީ އަރާފަ އެވެ.

އަދި މިހާތަނަށް 7،711 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އެ ވައިރަސް ޖެހިފައިވާ މީހުން ވަނީ ތަފާތު 16 ގައުމަކުން ފެނިފަ އެވެ.

ނަމަވެސް، އެ ވައިރަސް ފެތުރުން ހުއްޓުވުމަށް ޗައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ޑަބްލިޔުއެޗްއޯގެ ހެލްތު އެމަޖަންސީސް ޕްރޮގްރާމްގެ ވެރިޔާ ޑރ. މައިކް ރަޔަން ވަނީ ތައުރީފު ކުރައްވައިފަ އެވެ.

ބައިނަލްއަގުވާމީ ހެލްތު އެމަޖަންސީއެއްގެ ގޮތުގައި ކަނޑައެޅުމާމެދު ޑަބްލިޔުއެޗްއޯއިން އަނެއްކާވެސް މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ.

ޗައިނާ އިން ފެނިގެން އުޅޭ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް އޮސްޓްރޭލިއާގެ ސައިންސްވެރިން އަމިއްލަ އަށް އުފައްދެމާއެކު ވެކްސިނެއް ހޯދުމުގެ އުއްމީދު ވަނީ ބޮޑުވެފަ އެވެ.

އެ ވައިރަސް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ވައިރަސް ފެންނަ ސިޓީތަކަށް ދަތުރުކުރުން މިހާރުވެސް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޗައިނާ ސަރުކާރުން ވަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ވަނީ ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމް އެއްކޮށް ހުއްޓާލައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!