ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ދަފްތަރު އެކުލަވާލައި، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަތުމަށް ޓަކައި ދަފުތަރެއް އެކުލަވައިލައި އަދި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް އެކުލަވައިލާފައިވާ ކަމަށެވެ.
އަދި ކަނޑައެޅިފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ނުރައްކަލަށް ހުށައެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑެއް އެކުލަވާލާ ވަކި މުއްދަތެއްގެ ތެރޭގައި ފޮނުވުމަށް ޖެންޑާ މިނިސްޓްރީއަށް މަޖިލީހުގެ އިދާރާއިން ވަނީ އަންގާފައެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް އޭނާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޓީން މުއައްސަސާތަކާއެކު ބޭއްވި ބައްދަލްވުމަށްފަހު ހަ ކަމެއް ކުރުމަށް އަންގާފައެވެ.
ކޮމިޓީން ނިންމި ފުރަތަމަ ކަމަކީ ހެއްކާ ބެހޭ ދެ ބިލެއް ކަމުގައިވާ ވިޓްނަސް ޕްރޮޓެކްޝަން ބިލާއި އެޑިވެންސް ޕްރޮޓެކްޝަން ބިލް ވީހާ ވެސް އަވަހާ އެކުލަވަލާއި މަޖިލީހަށް ފޮނުވަން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހަށް އެންގުމަށެވެ.
ދެވަނަ މައްސަލައަކަށް މެންބަރުން ފާހަގަ ކުރެއްވީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ކަމާ ބެހޭ މުއައްސަސާތަކުގައި އޮންނަން ޖެހޭ ގުޅުން ކުޑަވުމެވެ. އެހެންކަމުން މުއައްސަސާތައް ގުޅިގެން ޗައިލް ޕްރޮޓެކްޝަން ޑޭޓާބޭސް އަލުން އެކުލަވާލައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާ ވިއުގައަކަށް އެ ޑޭޓާބޭސް ހެދުމަށް ކޮމިޓީން ނިންމި އެވެ. އަދި އެ ޑޭޓާބޭސް އެކުލަވާލުމަށް އެއް މަސް ދުވަހުގެ މުހުލަތެއް މުއައްސަސާތަކަށް ދިނުމަށް ކޮމިޓީން ނިންމި އެވެ.
ކޯޓުތަކުގައި މިފަދަ މައްސަލަތަކުގެ ޝަރީއަތްތައް ލަސްވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ނިންމަން ޖެހޭނެ މުހުލަތެއް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއްތޯ މުއައްސަސާތަކާއެކު މަޝްވަރާކޮށް މުހުލަތެއް ކަނޑައެޅުމަށް ކޮމިޓީން ނިންމި އެވެ. އަދި ގަނޫނަކުން ކަނޑައަޅަން ޖެހޭނަމަ އެ އިސްލާހު މަޖިލީހަށް މުއައްސަސާތަކުން އަންގައިދިނުމަށް ވެސް ކޮމިޓީން ނިންމި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިހާރު ވެސް ދައުވާ އުފުލި ކޯޓުތަކުގައި މައްސަލަ އޮތް މީހުން ދޫވެފައި އޮތް މައްސަލަ ވެސް މެންބަރުން ފާހަގަ ކުރެއްވި އެވެ. އެ ގޮތަށް ކޯޓުތަކުގައި މައްސަލަ އޮތް މީހުން ފާހަގަކޮށް، އެ މީހުންގެ ދަފުތަރު އަލުން އެކުލަވާލައި އެ މީހުން މޮނިޓާ ކުރުމަށް މުއައްސަސާތަކަށް އަންގަން ކޮމިޓީން ނިންމި އެވެ.
ކުށުގެ ވެށީގައި އުޅޭ މައިންބަފައިންގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނާއި އެފަދަ ރިސްކްގައި އުޅޭ އާއިލާތައް ކަނޑައަޅާނެ ކްރައިޓީރިއަށް ޖެންޑާ މިނިސްޓްރީން ދެ ދުވަހުގެ ތެރޭގައި ހަމަޖައްސަން އަންގަން ނިންމި އެވެ. ހަތް ދުވަހުގެ ތެރޭގައި މިހާރު ހުރި ޑޭޓާއިން ފާހަގަވާ އާއިލާތައް މޮނިޓާކުރަން ފަށަން ނިންމި އެވެ. ތިރީސް ދުވަހުގެ ތެރޭގައި ކޮންމެ ރަށެއްގައި ހުރި އެފަދަ އާއިލާތައް ހޯދައި އެ ހުރިހާ އާއިލާއެއް މޮނިޓާ ކުރަން ފަށަން އަންގަން ވެސް ނިންމި އެވެ.