ވެކްސިން ދޭން ދެކޮޅު ހެދި ބެލެނިވެރިންނަށް ދައުވާ ކުރަނީ

ދަރިންނަށް ވެކްސިން ދޭން ދެކޮޅު ހަދި ބެލެނިވެރިންނަށް އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދައުވާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ އޭނާގެ ދަރިފުޅަށް ފުރަތަމަ ޑޯޒްގެ ވެކްސިން ދެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ ދަރިންނަށް ވެކްސިން ދޭން ދެކޮޅު ހެދި ބެލެނިވެރިންނަށް 22 ދުވަސް ފަހުން ދައުވާ ކުރަން ފަށާނެ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެބްރުއަރީ 20 ގައި ފަށާތީއެވެ. މި ގާނޫނުގައި ބުނެފައިވަނީ ކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ސިއްހީ ފަރުވާއާއި، ހިދުމަތްތައް ލިބިދިނުމުގައި އަދި އެފަދަ ހިދުމަތްތަކަށް ވާސިލްވެވޭނެ މަގު ފަހިކޮށްދިނުމަކީ އެ ކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި އެ ގާނޫނުގައި ބެނެފައިވަނީ ސިއްހީ ފަރުވާއާއި ހިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ދޭންޖެހޭ ވެކްސިން ދިނުމަކީ މައިންބަފައިގެންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ވެކްސިން ޖެހުމަށް އިއުތިރާޒުކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވެކްސިން ޖަހަން އިންކާރު ކުރާ މީހުންގެ ދަރިންނަށް ވެސް ވެކްސިން ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެެއިން އަލުން ހިމަބިހި ފެނިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހިމަބިހި ޖެހެނީ ޅަފަތުގައި ދޭންޖެހޭ މީސަލްސް ވެކްސިން ނުދިނުމުގެ ސަަބަބުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް އަލުން ފެތުރެން ފަށާފައިވާއިރު، ކުރިން ތިބި ގޮތުގައި ސަރުކާރަށް ތިބެވެން ނޯންނާނެ ކަމަށެވެ. އެހެން ކަމުން އިންކާރު ކުރި ނަމަވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ.

ޝަމީމް މިގޮތަށް ވިދާޅުވެފައި ވާއިރު، ބައެއް ފަރާތްތަކުން ވަނީ ވެކްސިން ދޭން ދެކޮޅުު ހަދާ ފަރާތްތަކަށް އާސަންދަގެ ހިދުމަށް ނުދިނުމަށްވެސް ގޮވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!