ކުރިއަށް އޮތް ފެބްރުއަރީ މަހުން ފެށިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭން ބޭރުގެ ގައުމުތަކަށް ތެޔޮ ވިއްކަން ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ މިއަހަރު އެ ކުންފުނީގެ ވިޔަފާރިތައް ފުޅާކުރަން 400 މިލިއަން ރުފިޔާ އިންވެސްޓުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަވަށްޓެރި ގައުމުތަކަށް ތެޔޮ ވިއްކަން ފެށުމުގެ ގޮތުން އަންނަ މަހު ލަންކާ އަށް ތެޔޮ ވިއްކަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ރާއްޖެ އަށް އެތެރެ ކުރާ ތެޔޮ އިތުރު ކުރުމަށް، މިހާރު އެ ކުންފުނީގައި އޮތް ޓޭންކަރަށްވުރެ ބޮޑު ޓޭންކަރެއް މިއަހަރު ތެރޭގައި ގަންނާނެ ކަމަށެވެ. އަދި ތެޔޮ ޑިސްޓްރިބިއުޓް ކުރުމަށް ހަތަރު ބާޖު ބަންނަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އެންމެ ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި އަޅުގަނޑުމެން މިދަނީ އިންވެސްޓް ކުރަމުން. އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި އެބަ ވިސްނަން ތެޔޮ ރާއްޖެއަށް ހަމަ އެކަނި އެތެރެ ކުރުމުގެ ބަދަލުގައި ރާއްޖޭން ބޭރަށް އަވަށްޓެރި ގައުމުތަކަށް އެ ތެޔޮ ވިއްކަން ވެސް” އަމްރު ވިދާޅުވިއެވެ.
އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތެރެއިން ބޭސް އެތެރެ ކުރުމުގައި ދަތިތައް ހުރިކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ އެ މައްސަލަ ހައްލުކުރަމް އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިހާރު އެސްޓީއޯގެ ފާމަސީތަކަށް ގެންނަ ބޭސް ތަފާތު ގުދަންތަކުގައި ބަހައްޓާތީ ދިމާވާ ދަތިތައް ނައްތާލުމަށް، ބޭސް ރައްކާކުރަން މިއަހަރު ތެރޭގައި ގުދަނެއް ހަދާނެ ކަމަށް އަމްރު ވިދާޅުވި އެވެ.
“ރަށްތަކުގެ ފާމަސީތަކަށް ބޭނުންވާ ތަކެތި މި ހުންނަނީ ތިން ހަތަރު ގުދަނުގައި. ދެން އެ އެއްޗެހި ހޯދައިގެން ބަންދު ކުރަން އެބަ ނަގާ ވަރަށް ވަގުތުު. އެހެންކަމުން ފާމަސީތަކަށް ބޭނުންވާ ހުރިހާ ބޭހެއ ފޯރުކޮށްދިނުމަށާއި އެ ބޭސް ރައްކާކުރަން އެބަ ބޭނުންވޭ މިކަމަށް ހާއްސަ ވެއާ ހައުސެއް،” އަމްރު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ތަފާތު ކަންކަމަށް މިއަހަރު ތެރޭގައި އިންވެސްޓް ކުރަން އެސްޓީއޯ އިން ވަނީ ނިންމައިފަ އެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުން ގެންނަ މުދާ އަގުހެޔޮކޮށް ފޯރު ކޮށްދިނުމަށް ޝިޕިން ލައިންގެ މަސައްކަތާއި ގޭސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ސްޓޯރެޖް ޔުނިޓުތައް ގާއިމްކުރުމާއި ރޭނުމަށް ބޭނުންވާ ސާމާނު އަގު ހެޔޮ ކުރުމަށް އިންވެސްޓުކުރުން ހިމެނެ އެވެ.