ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާ އިން ވަކިިކުރާނެ ކަމުގެ އިންޒާރު މިދިޔަ އަހަރު ދިން 11 މުވައްޒަފުންގެ ތެރެއިން 10 މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.
ޓްރާންޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ އެ މުވައްޒަފުން ވަކިކުރާނެ ކަމުގެ އިންޒާރު ފުރަތަމަ ދިނީ މިދިޔަ އޮކްޓޯބަރުމަހު އެވެ. އޭރު އެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ހާޒިރު ކުރި އެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލަ ބެލި އިރު، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ބައްދަލުވުމަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިގެންނެވި އެވެ.
ޓްރާންްސްޕޯޓުން ކުރިން ބުނި ގޮތުގައި ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ނެގި ހާޒިރީ ރިޕޯޓަކަށް ބެލުމަށް ފަހުގަ އެވެ.
ވަޒީފާއިން ވަކިކުރި މީހަކު ބުނީ، އިސްތިއުފާ ދޭން ދިން މުހުލަތު މިއަދު ހަމަވި އިރު، އިސްތިއުފާ ނުދިނުމުން 10 މީހުން ވެސް މިހާރު ވަކިކޮށްފައިވާ ކަަމަށެވެ. އަދި އެއް މުވައްޒަފަކު ކުރިން ވަނީ އަމިއްލައަށް ވަކިވެފައި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅަކާ ބައްދަލުވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.