އިތުރު މީހަކަށް ހިމަބިހި ޖެހި، އެ ބަލި ޖެހުނު ދިވެހިންގެ އަދަދު 8 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ޢާއްމުކުރި ތަފާސްހިސާތަކުން ދައްކާގޮތުގައި ރޭ މެންދަމު 00:00 ގެ ނިޔަލަށް ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 8 އަށް އަރާފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް 22 މީހުން ޓެސްޓްކޮށްފައިވާއިރު، މީގެ ތެރެއިން ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ. އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ޖުމްލަ 129 މީހަކު މި ބައްޔަށް ޓެސްޓްކޮށްފައިވެއެވެ.
ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ރާއްޖެއިން ހިމަބިހި (މީސްލްސް) ފެނުމާގުޅިގެން އިތުރަށް އެބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރެވެމުންދާ މުޙިއްމު މަސައްކަތުގެ ތެރެއިން މާލޭގައި ހިމަބިއްސަށް ސްކްރީން ކުރުމާއި މީސްލްސް ވެކްސިން ދިނުމުގެ ޙާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ވާކަމަށެވެ.
މިގޮތުން މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭން ފަށާފައިވާ ކަމަށާއި، މި ވެކްސިން ޑޯޒަކީ ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ މީސްލްސް އެކުލެވޭ 9 މަހުގައި ދެވޭ އެމް.އާރު އަދި 18 މަހުގައި ދެވޭ އެމް.އެމް.އާރު ވެކްސިންގެ އިތުރަށް ދެވޭ ޑޯޒެއްކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ.