ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް އަހްމަދު އާތިފް އައްޔަން ކުރައްވައިފި

ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވާދަނުކުރަން ނިންމި އަހްމަދު އާޠިފް، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަނު ކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނައިބު މަގާމަށް އައްޔަން ކުރުމުގެ ކުރިން، ހދ. ކުޅުދުއްފުށި، މާވިނަ އަހްމަދު އާތިފް ހުންނެވީ އެ އަތޮޅު ކައުންސިލްގެ މެންބަރެއްގެ މަގާމުގަ އެވެ. މިއީ އަތޮޅު ކައުންސިލްގައި އޭނާ މަސައްކަތް ކުރައްވާ ދެވަނަ ދައުރެވެ. މީގެ ކުރިން އޭނާ ވަނީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު ވެސް ފުރައްވާފަ އެވެ.

އަންނަ ކައުންސިލް އިންތިހާބުގައި ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް ވެސް ވާދަކުރުމުގެ ގޮތުން އެމްޑީޕީގެ ޕްރައިމަރީއަށް އާތިފް ކުރިމަތިލެއްވި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވި އާތިފް މިއަދު ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިނުލައްވަން މިހާރު ނިންމަވާފައިވާ ކަމަށެވެ.

އަޙްމަދު ޢާޠިފް އަންނަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސް އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެވިޑް ކޮލެޖުން ގްރެޖުއޭޓް ޑިޕްލޮމާވެސް އަޙްމަދު ޢާޠިފް ވަނީ ޙާޞިލުކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!