ގާސިމް މަރާލި ކަމަށް އެއްބަސްވި އަދުހަމު، ވައްކަމުގެ މައްސަލައެއްގައި 1 އަހަރަށް ޖަލަށް

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް އެހެން މައްސަލައެއްގައި 1 އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށް ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ، އޭނާ މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް ވަނީ ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ހަމަލާ ދެވުނު ކަމަށް ބުނެ ތަހުގީގުގައި ކުށަށް އެއްބަސްވެފަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އަދުހަމްގެ މައްޗަށް އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މި މަހު އިއްވީ 2016 ވަނަ އަހަރު އިތުރު މީހަކާ ބައިވެރިވެގެން މީހެއްގެ ސައިކަލެއް ނަގައިގެން ހުޅުމާލެ އަށް ގެންގޮސްފައިވާތީ އާއި ހުޅުމާލެ އަށް ގެންދިއުމަށް ފަހު އެ ސައިކަލުގެ މަޑިދަށުގައި ހުރި އެއްޗެހި ނަގައި، އުކާލާފައިވާތީ އޭނާގެ މައްޗަށް ކުރި، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާ ގުޅިގެެންނެވެ.

އެ ދައުވާއަށް އިބްތިދާއީ މަރުހަލާގައި އަދުހަމް އެއްބަސްވުމުން އޭނާގެ އިއުތިރާފުން އެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، އެއް އަހަރާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ކޯޓުގެ ހުކުމުގައިވެ އެވެ.

އެކަމަކު އޭނާއާ އެކު އެ މައްސަލާގައި ދައުވާ ލިބުނު އަނެއް މީހާ ދައުވާ އަށް އިންކާރު ކުރުމާއި އޭނާއާ ދެކޮޅަށް އެ ދައުވާ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި މަދަނީ މިންގަނޑުން ބަލާއިރު ނެތުމުން އެ މީހާގެ ބައި ވަނީ ބާތިލްކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!