ކޮރޯނާ ވައިރަހަށް މީހުން ސްކްރީން ކުރުމާއި އެކަހެރިކުރުމުގެ އިންތިޒާމްތައްް އެއާޕޯޓްގައި ހުރީ ރަނގަޅަށް: އެމްއޭސީއެލް

ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ “ވޫހާން ވައިރަަސް” ފެތުރޭތީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ފުރިހަމަ އަށް އަޅާފައިވާ ކަމަށާއި މީހުން ސްކްރީން ކުރުމާއި އެކަހެރިކުރުމުގެ އިންތިޒާމްތައްް ވެލާނާ އެއާޕޯޓްގައި ހުރީ ރަނގަޅަށް ކަަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

ވޫހާން ވައިރަސް ފެތުރޭތީ ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ މިއަދު ބައްދަލުވުމަށް ފަހު އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ، ޓާމިނަލް އޮޕަރޭޝަންސް އިބްރާހީމް ހުސައިން ވިދާޅުވީ އެއާޕޯޓްގައިވާ އައިސޮލޭޝަން ފެސިލިޓީގައި 20 މީހުންގެ ޖާގަ އޮންނާނެ ކަމަށާއި މީހުން އެހެން ތަންތަނަށް ގެންދަން ވެސް ރަނގަޅު އިންތިޒާމްތަކެއް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީން އެހެން ތަންތަނަށް މީހުން ގެންދަން ހާއްސަ އެމްބިއުލާންސްތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދީފައިވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް ހަމަ ފަސޭހަ ކަމާ އެކު ދިހައެއް ނުވަތަ ވިހި މީހުން ބޭތިއްބޭނެ. ހުޅުލޭގައި ހުރި އައިސޮލޭޝަން ފެސިލިޓީ އަކީ ޓްރާންސިޓް ފެސިލިޓީއެއް އިނގޭތޯ. އެތަނުން ހަމަ ކުޑަ ޓެސްޓެއް ހަދާފައި އެ ފަސިންޖަރުން ހަމަ މެއިން ސްޓޭޝަންތަކަށް ޓްރާންސްފާ ކުރެވޭނެ،” އިބްރާހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ އެހެން ތަންތަނަށް އެމީހުން ގެންދަން އެޗްޕީއޭ އިން ދިން އެމްބިއުލާންސްތަކާ އެކު، އެފަދަ ހާލަތްތަކުގައި މަސައްކަތް ކުރާނެ ޑްރައިވަރުން ވެސް ފޮނުވާފައި އެބަ ތިބި ކަމަށެވެ.

ކޮރޯނާ ވައިރަސް ފެތުރޭތީ ސަރުކާރުން އެކުލަވައިލި ޓާސްކްފޯހުގައި، ސިއްހީ ހިދުމަތްދޭ ތަންތަނާއި ސިފައިންނާއި ފުލުހުން އަދި އެމްއޭސީއެލްއާއި އެސްޓީއޯގެ މަންދޫބުން ވެސް ހިމެނެ އެވެ. އެ މަންދޫބުންނާއި ޑަބްލިއުއެޗްއޯގެ މާހިރުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގަތެވެ. ކަމާ ބެހޭ މުއައްސަސާތަކުން ވަމުން އަންނަ ތައްޔާރީތައް އެ ބައްދަލުވުމުގައި ހިއްސާކުރި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!