ގަމީހުގެ އަގަކީ 800 ޑޮލަރެއް ނޫން: މަހުލޫފް

“މަރުހަބާ 2020″ގެ ނަމުގައި އުރީދޫން ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާ އަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ގަމީހުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދަނީ ދެކެވެމުންނެވެ.

އިޓަލީގެ އަގުބޮޑު ބްރޭންޑެއް ކަމަށްވާ ޑޮލްޗޭ އެންޑް ގަބާނާގެ ޑިޒައިންގެ އެ ގަމީހުގެ އަގު އުޅެނީ 800 ޑޮލަރު (12336ރ.) އަށް ވުރެ މަތީގައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރި އެވެ. އަދި ބައެއް އޮންލައިން ސްޓޯރު ތަކުގައި ވެެސް އެ އަގަށް އޭގެ ގަމީސް ލިބެން ހުރި ކަމަށް ބުނެފައި ވެއެވެ.

މުށިކުލައިގެ އެ ގަމީސް ޑިޒައިން ކޮށްފައިވަނީ ހެރަލްޑްރީ ޕްރިންޓަކަށެވެ. އެ ޑިޒައިންގެ ގަމީސް ބޭރުގެ ޝޮޕިން ވެބްސައިޓުތަކުގައި ވިކަން ހުރީ 872 ޑޮލަރާއި 995 ޑޮލަރާ ދޭތެރޭ އަގުތަކެއްގަ އެވެ. ނަމަވެސް މިނިސްޓަރު ތުރުކުރައްވައިގެން ހުންނެވީ އޮރިޖިނަލްއެއް ކަމެއް ނުވަތަ ކޮން ފެންވަރެއްގެ ގަމީހެއް ކަމެއް ނޭނގެ އެވެ.

ނަމަވެސް ފެޝަނަށް ލޯބި ކުރައްވާ މިނިސްޓަރު މަހުލޫފް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އުރީދޫގެ “މަރުހަބާ 2020” އިވެންޓްގައި އޭނާ ބޭނުން ކުރެއްވި ގަމީހަކީ 800 ޑޮލަރަށް ބައްލަވައިގަތް ގަމީހެއް ނޫނެވެ. އަދި ދުބާއީއަށް ގޮސް އެ ގަމީސް ގަންނަން އެ އަދަދު ހަރަދެއް ނުވާނެ އެވެ.

“ދުބާއީ ދެކޮޅު ޓިކެޓް ނަގައިގެން ގޮސް ނިއު އިޔާ ސޭލުން ތި ގަމީސް ގަނެގެން އަޔަސް 800 ޑޮލަރު ނާރާނެ އިނގޭތޯ!” މަހުލޫފް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!