ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ ވަސީލަތެއް ރާއްޖޭގައި ނެތް ކަމަށާއި އެކަން ކުރާނީ އިންޑިޔާއަށް ފޮނުވައިގެން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ ވަސީލަތްތައް ގާއިމްކޮށް ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް އެކި ގައުމުތަކުން ކުރަމުން އައިކަމުގައިވީ ނަމަވެސް ރާއްޖެއަށް މިހާތަނަށް އެފަދަ ހިދުމަތެއް ދެވޭނެ ވަސީލަތެއް ލިބިފައި ނުވާ ކަމަށެވެ.
ކޮރޯނާ ވައިރަސް ހުރިތޯ ބެލުމަށް ރާއްޖެއިން ޓެސްޓެއް ހަދަން ބޭނުން ވެއްޖެ ނަމަ އެންމެ ކައިރިން އެފަދަ ލެބޯޓަރީއެއް ހުރީ އިންޑިޔާގައި ކަމަށާއި މަދުވެގެން 48 ގަޑިއިރުގެ ތެރޭގައި ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
ޓެސްޓް ހެއްދޭނެ ވަސީލަތެއް ރާއްޖޭގައި ނެތް ނަމަވެސް ރާއްޖެއިން އެހެން ހުރިހާ މަސައްކަތަކެއްކޮށް ކޮރޯނާ ވައިރަސްއަށް ތައްޔާރުވެފައިވާ ކަމަށް އަމީން ވިދާާޅުވި އެވެ.