ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަަސް ޖެހިފައިވާ އިތުރު ތިން މީހަކު މެލޭޝިޔާއިން ފެނިއްޖެ އެވެ.
މެލޭޝިއާގެ ހެލްތު ޑިރެކްޓަރ ޖެނެރަލް ޑރ.ނޫރް ހިޝާމް އަބްދުﷲ މިއަދު ހެނދުނު ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވްވި އިތުރު ތިން މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަހަރުގެ ކުއްޖަކާއި، އަންހެނެއްގެ އިތުރުން 52 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މީގެތެރެއިން އަންހެން މީހާގެ ދެ ކުދިން ވެސް މި ބައްޔަށް މީގެކުރިން ޕޮޒިޓިވް ވެފައިވާއިރު އޭނާގެ ގަޔަށް މި ބަލި އެރީ އެމީހުންގެ ފަރާތުންނެވެ. މި ތިން މީހުންނަށް ވެސް މިހާރު ދަނީ މެލޭޝިއާގެ ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީސްތަކުގައި ފަރުވާ ދެމުންނެވެ.
މި ތިން މީހުންނާއެކު މެލޭޝިއާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރާފައެވެ. މި އެންމެންނަކީ ވެސް ޗައިނާ އަށް ނިސްބަތްވާ މީހުންނެވެ.
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ.