މަލް ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފި

މަސްތުވާތަކެއްޗާ އެކު ފިލްމީ ތަރި މަލީހާ (މަލް) ވަހީދު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން އޭނާ ދޫކޮށްލި މައްސަލަ، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މަލްއާ ދެކޮޅަށް، ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި މާދަމާ ފެށުމަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ.

މިއީ، ހުސްވި އަހަރުގެ ތެރޭގައި އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން މަލް އާއި އިތުރު އަންހެނަކު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މައްސަލަ އެވެ. 

މާލޭން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާމިގިލީ ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރި އިރު އެ މީހުންގެ ގެންގުޅުނު ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ވަނީ ފެނިފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.

އިތުރު މައްސަލައެއްގައި އޭގެ ފަހުންވެސް ފިލްމީ ތަރި މަލް ވަނީ ހުޅުމާލެއިން ހައްޔަރުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!