ޖަލުގައި އޮންނަން ޖެހުމުން އުނަގަނޑުގެ ކަށިގަނޑެއް ވަނީ ގުޑައިފައި: ޔާމީން

ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން އުނަގަނޑުގެ ކަށިގަނޑެއްގުޑައިގެން އެކަންވެސް ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވެފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުމުގައި ވާހަކަދެވިފައިވަނީ ޔާމީންގެ ފަރާތްޕުޅުން އެދިފައިވާ ކަފާލާތުގެ ދަށުން ދޫކުރުމާއި، ހުކުމް ތަންފީޒު ކުރުން ފަސްކުރުމާ ގުޅޭގޮތުންނެވެ.

މި އަޑުއެހުމުގައި ރައީސް ޔާމިންވަނީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ ޙާލަތާ ގުޅޭގޮތުން ތަފްސީލް ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މަނީލޯންޑަރިންގެ ކުށުގައި އެމަނިކުފާނު ޖަލުގައި ބަންދުކުރުމާ ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އަދި އޭރު ހިތުގެ ބައްޔެއް ޖެހިވަޑައިގެންނެވި ކަމަށާ، އެބަލީގެ ތަޙްލީލްތައް ރާއްޖެއިން ހެދެންނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ފަރާތުން އެދިފައިވާ އެ އަމުރު ނެރެ ދިނުމާ ދެކޮޅަށް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ވަކީލުން ވަނީ ވާހަކަ ދައްކަވާފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!