ސިއްރުން ހެކިބަސް ނެގުން ހުއްޓުމަކަށް

ހައިކޯޓުން އިއްޔެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޖަލު ޙުކުމް ބާތިލް ކުރަން އިއްވި ޙުކުމުގައި ސިއްރުން ހެކިބަސް ނެގުމާއި ގުޅޭ ގޮތުން ހިމަނާފައިވާ ބައިތަކާއި ގުޅިގެން ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ވެސް ދެން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

އިއްޔެ ހައިކޯޓުން އިއްވި ޙުކުމުގައި ބުނެފައި ވަނީ 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާއި ބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ހެއްކާބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަމަށެވެ.

ހެއްކާބެހޭ ޤާނޫނު އަކީ 23 ސެޕްޓެންބަރ 1976 ގައި ވުޖޫދަށް އައިސްފައިވާ ޤާނޫނަކަށް ވާއިރު އެ ޤާނޫނަށް އެއްވެސް އިސްލާހެއް މިއަދާހަމައަށްވެސް އައިސްފައި ނުވާކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކޮށް ހެކިބަސްދެނީ ކާކުކަން ނޭނގޭގޮތަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އޮންނަޖެހޭ ޙާލަތްތަކުގައި، އަދި އެޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައި އޮންނަންޖެހޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތަތަކެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނާތީ އަބްދުﷲ ސައީދާއި ދެކޮޅަށް ތިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކޮށް ހެކިބަސް ނަގާފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ހިލާފަށް ކަމަށެވެ.

ހައިކޯޓުން މިގޮތައް ނިންމުމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ހައިކޯޓުން ސިއްރު ހެކިންނާއި ބެހޭ ގޮތުން ނިންމި ނިންމުން އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޝަމީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާޢީ އިޖުރާތު ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއިއެކު، ޤާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ޤާނޫނު އެކުގައި ކިޔާއިރު ހައިކޯޓުގެ ޙުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުސޫލު ރަނގަޅުކަމަށް ނުފެންނާތީ ޙުކުމުގެ އެބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މިހާރު ޤާނޫނީ ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ބަދަލުނުކުރާނަމަ އެތައް ސިއްރު ހެކިންނެއް ކޯޓުތަކުގައި ދީފައި ހުރި ހެކިބަސްތަކަށް ބަލައިގެން ޙުކުމެއް ކުރުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!