ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓު ހުޅުމާލެއަށް ވައްދައިފި

މި މަހުގެ 23 ވަނަ ދުވަހު އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ސްރީލަންކާގެ މަސް ބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މިއަދު ހެނދުނު ހުޅުމާލެއަށް ވައްދައިފިއެވެ.

ހަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ބޯޓު ހުޅުމާލެއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 6:10 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ސްރީލަންކާގެ ހަ މީހުންނާއެކު ދަތުރުކުރި މި ބޯޓުގެ އިންޖީނު ހުއްޓި، ހާލުގައި ޖެހި އޮޔާދާކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިމަހުގެ 23 ވަނަ ދުވަހުގެ 17:00 ހާއިރު ކަމަށެވެ.

ފަހުން، ކ.ދިއްފުށީގެ އިރުއުތުރުން ގާތްގަނޑަކަށް 58 ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ވަނީ އެ ސަރަޙައްދަށް ގޮސް ލަންކާގެ މަސްބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދުޢަލީގެ ބެލުމުގެ ދަށުން މި ބޯޓު މިއަދު ހެނދުނު ހުޅުމާލެ ބަނދަރަށް ވައްދާފައިވާއިރު، އެ ބޯޓުގައި ތިބި ލަންކާގެ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!