ޗައިނާގެ ވުހާން ސިޓީގައި ތިބި ހުރިހާ ދިވެހިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދެވިފައިވާކަމަށް ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އައިޝަތު އަޒީމާ ވިދާޅުވެއްޖެއެވެ.
އަޒީމާ ވިދާޅުވީ ވުހާންގައި ތިބި ދިވެހިންގެ ޙާލު ރަނގަޅުކަމަށާއި މިހާތަނަށް ދިވެހި ސަރުކާރުން ދިނުމަށް ނިންމާފައިވާ މާލީ އެހީތެރިކަން އެސިޓީގައި ތިބި ދިވެހިންނަށް ފޯރުކޮށްދީފައިވާކަމަށެވެ. އަޒީމާ ވިދާޅުވީ މިހާތަނަށް ވުހާންގައި ތިބިކަމަށް އެނގިފައިވާ 7 ދިވެހިންގެ އިތުރުން 2 މީހަކު އެސިޓީގައި ތިބިކަން މިއަދު އެމްބަސީއަށް އަންގާފައިވާކަމަށެވެ.
މިއާއެކު ޗައިނާގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ ހަތްދިހަ ތިން ދިވެހިން އެބަތިބި ކަމުގެ މައުލޫމާތު އެމްބަސީއަށް ލިބިފައިވާ ކަމުގައި އަޒީމާ ވިދާޅުވިއެވެ. އަދި ވެސް ދިވެހިން އެމްބަސީއަށް ގުޅަމުން އަންނަކަން ފާހަގަކުރައްވާ މިކަމުގައި ދިވެހިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ސަފީރު ޝުކުރުއަދާކުރެއްވިއެވެ.
ޗައިނާ ސަފީރު އަޒީމާ ވިދާޅުވީ، ވުހާން ސިޓީގައި ކާބޯތަކެތީގެ އަގުތައް އުފުލިފައި ވާކަމަށެވެ. އެހެންނަމަވެސް ޗައިނާ ސަރުކާރުން ވުހާންގެ ޢާއްމު ޙާލަތު ރަނގަޅުވަމުން އަންނަކަމަށް ވިދާޅުވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
އަޒީމާ ވިދާޅުވީ ޗައިނާގައި މިވަގުތު ތިބި ހުރިހާ ދިވެހިންގެ ޙާލުވެސް ރަނގަޅުކަމަށެވެ. އަދި އެޤައުމުގައި ތިބި ދިވެހިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އަދި އެއްވެސް އެހީތެރިކަމަކަށް ބޭނުންވާނަމަ އެކަން އެމްބަސީއަށް އެންގުމަށް ސަފީރު އެދިވަޑައިގެންނެވިއެވެ.