ލަންކާއިން ޗައިނާ މީހުންނަށް ވިސާ މެދުކަނޑާލައިފި

ނުރައްކާތެރި ވައިރަސްއެއްް ކަމަށްވާ ކޮރޯނާ ވައިރަސް ޗައިނާގައި ހަލުވި ކަމާއި އެކު ފެތުރެމުންދާތީ އެގައުމުން އަންނަ މީހުންނަށް ލަންކާއިން ވިސާ ދިނުން ހުއްޓާލައިފިއެވެ.

ލަންކާގެ އިމިގްރޭޝަނުން ވިދާޅުވީ މިހާރު ލަންކާ އަށް ދަތުރުކުރާ ޗައިނާ ފަތުރުވެރިން ލަންކާ އަށް ދަތުރުފެށުމުގެ ކުރިން އޮންލައިންކޮށް ވިސާ އަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޗައިނާ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދޫކުރުން ލަންކާ އިން ހުއްޓާލީ ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ ޗައިނާގެ ހުބާއީ ޕްރޮވިންސުން ލަންކާ އަށް ދަތުރުކުރި އަންހެނަކު ކޮރޯނާވައިރަސް އަށް ރޭ ޕޮޒިޓިވް ވެފައި ވާތީއެވެ. ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ޗައިނާގެ 46 އަހަރުގެ އަންހެން މީހާ ލަންކާ އަށް ދިޔައީ މީގެ ދެހަފްތާ ކުރިންނެވެ. އޭނާ އާއި އެކު ޗައިނާގެ ގްރޫޕެއް ވެސް ލަންކާ އަށް ދިޔައެވެ. އެމީހާ ފެނިފައިވަނީ ލަންކާގައި ހުއްޓާ ހުންއައިސްގެން ޑޮކްޓަރަށް ދެއްކައި އެޑްމިޓް ކުރި ފަހުން ކަމަށް ލަންކާ ނޫސްތަކުން ބުނެއެވެ.

މިހާތަނަށް މި ބަލީގައި 106 މީހަކު މަރުވެފައިވާ އިރު ބަލި ޖެހިފައިވާ މީހުންގެ އަދަދު 4565 އަށް އަރައެވެ. މި ބަލި އެންމެ ހަލުވި ކަމާއި އެކު ފެތުރެމުން އަންނަނީ ޗައިނާގެ ވޫހާންގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!