ހިމަ ބިހި ނުވަތަ މީސިލްސް އަކީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ.މިއީ ރުބިއޯލާ ވައިރަސްގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މިހާތަނަށް ސައިންސްވެރިން ވަނީ މި ބަލީގެ 21 ވައްތަރު ހޯދާފައެވެ. މިބައްޔަށް ޚާއްސަ ކުރެވިފައިވާ ބޭހެއް އަދި މިހާތަނަށް އީޖާދުވެފައި ނުވާއިރު، މި ބަލިން ރައްކާތެރިވުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅަކީ ވެކްސިން ދިނުމެވެ. މި ބަލި އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ، އަދި ކުޑަ ކުދިންނަށް ޖެހުމުން ވަރަށް ނުރައްކާތެރިވެ, ފުރާނައަށް ގެއްލުންވާ ހިސާބަށް ވެސްދެއެވެ. އެހެންނަމަވެސް މިބަލި އެއްފަހަރު ޖެހުމަށްފަހު ދެވަނަ ފަހަރަށް ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.
ހިމަ ބިހީގެ އަލާމާތް!
ހިމަބިހި ޖެހެމުން އެންމެ ފުރަތަމަ ފެންނާނެ އަލާމާތަކީ ގަދަޔަށް ހުންއައުމެވެ. ހުމާއިއެކު ކެއްސުމާއި، ނޭފަތުން ފޭބުމާއި އަދި ލޯ އާދައާޚިލާފަށް ރަތްވެފަ ހުރުން ނުވަތަ ދުޅަވެފަ ހުރުމެވެ.
މިބަލީގެ އިންފެކްޝަން ޖެހުނުތާ 9-11 ދުވަހުގެ ފަހުން ފެންނާނެ އަލާމާތް ތަކަކީ:
- ނޭފަތުން ފޭބުން.
- ހިކި ކޮށް ކެއްސުން.
- ލޯރަތްވުން ނުވަތަ ދުޅަވުން.
- ލޮލުން ފެން އައުން.
- އަވީގއައި އުޅެން އުދަނގޫވުން ނުވަތަ ފޮޓޯފޯބިއާރ.
- ކިބިހި އެޅުން.
- ގައިގެ އެތަން މިތަނުގައި ބިހިގަނޑުތަކެއް ނަގައި އެ ބިހިގަނޑުތައް އެކަތި އަނެއްކާ ގުޅުން.
ހިމަބިހި ޖެހުމުން ހުން ހުންނާނީ އަބަދުވެސް އައިސްއެވެ. ދޭތެރެ ދޭތެރެއިން ހުންމަޑުވެފައި ގަދަވާނެއެވެ. އަދި މިގޮތަށް ހުންއައިސް މަޑުވާއިރު ގައިން ބިހިގަނޑުތަކެއެއް ނަގަން ފަށައެވެ. މި ބިހިގަނޑު ނަގަންފަށާނީ ބަލީގެ އިންފެކްޝަން ޖެހުނުތާ 3-4 ދުވަސް ތެރޭގައެވެ. އާންމުކޮށް ބިހިގަނޑު ފެންނާނީ ކަނަފަތް ކައިރިންނެވެ. އަދި ފަހުން މުޅިގަޔަށް ފެތުރިގެންދެއެވެ. އަދި އެއްބިހިގަނޑު އަނެއްބިހިގަނޑާ ގުޅެއެވެ.

ހިމަބިހި ޖެހެން މެދުވެރިވާ ސަބަބުތައް!
ހިމަބިހި ޖެހެނީ ރުބިއޯލާ ވައިރަސްގެ ސަބަބުންނެވެ. މިއީ ބިހިގަނޑު ފެނުމުގެ 4 ދުވަސްކުރިން ފެތުރޭބައްޔެކެވެ.އަދި އޭގެ4-5 ދުވަސް ފަހުންވެސް ފެތުރެއެވެ. މިބަލީގެ ޖަރާސީމު ފެތުރެނީ:
- ޖަރާސީމު ހުރި މީހެއްގެ ގައިގައި ބީހުން/އަތްލުން. ފިސިކަލް ކޮންޓެކްޓް.
- ޖަރާސީމު ހުރި މީހެއް ކެއްސާ ކިބިހި އަޅާއިރު ކައިރީގައި ހުރުން/ ވައިގެ ޒަރީއާއިން.
- ޖަރާސީމު ޖެހިފާވާ ތަނެއްގައި އަތްލުމަށް ފަހު އަނގަޔަށް އަތްލުން ނުވަތަ ލޯ/ނޭފަތް ކެހުން.
އެއްޗެއްގައި ހިމަ ބިހީގެ ޖަރާސީމު ޖެހިފައި ހުރެއްޖެނަމަ 2 ގަޑި އިރުވަންދެން އޭގެ އަސަރު ހުރެއެވެ.

މިބަލިން ރައްކާތެރިވުމަށް ކުރެވޭނީ ކޮންކަމެއް!
ހިމަބިއްސަކީ ވަކި ޚާއްސަ ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. އެހެންނަމަވެސް ވެކްސިން ޖަހައިގެން ވަރަށް ފަސޭހައިން ދުރުހެލިވެވޭ ބައްޔެކެވެ.
ހިމަބިހި ވެކްސިން އެންމެ ފުރަތަމަ ދެވެނީ ކުއްޖާގެ އުމުރުން 12 މަހާއި 15 މަހާއި ދެމެދުގައެވެ. އަދި ކުއްޖާ އިސްކޫލަށް ވަންނަ އިރުވެސް ޖަހައެވެ. އެއީ އުމުރުން 4 އަހަރާއި 6 އަހަރާއި ދެމެދުގައެވެ.
ހިމަބިހި އެއީ އަވަސް އަވަހަށް ފެތުރޭ ބައްޔަކަށް ވިޔަސް ވެކްސިން ޖަހައިގެން ހިފަހައްޓާލެވޭ ބައްޔެކެވެ. އެގޮތުން ދުނިޔޭގެ ސިއްޙަތާއި ބެހޭ މަރިކަޒުން ހިންގި ވެކްސިން ޕޮރޮގްރާމެއްގެ ދަށުން 79 އިންސައްތަ އިން ވަނީ ހިމަބިހި ޖެހިގެން މަރުވާ އަދަު ދަށްވެފައެވެ. އެއީ 2000 ވަނަ އަހަރާއި 2015 ވަނަ އަހަރާއި ދެމެދުގައި 20.3 މިލިއަން މަރެވެ. އެހެންކަމުން ހިމަބިހި މިއީ ޖެހުމުން ނުރައްކާތެރި ބައްޔެއްކަމުގައި ވިޔަސް ވަރަށް ފަސޭހައިން ރައްކާތެރިވެވޭނެ ބައްޔެކެވެ.