ހަލުވި ކަމާ އެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުން ބަލި ޖެހިފައިވާ މީހަކު ސްރީލަންކާ އިން ވެސް ފެނިއްޖެއެވެ.
ލަންކާގެ ހެލްތް މިނިސްޓްރީން ބުނާގޮތުގައި ކޮރޯނާ ވައިރަސް ފެނިފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ޗައިނާގެ ހުބޭއި ޕްރޮވިންސުން ލަންކާ އަށް އައި ޗައިނާގެ އުމުރުން 43 އަހަރުގެ އަންހެނެއްގެ ގައިން ކަމަށެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޭނާ އަށް މިހާރު ފަރުވާދެމުންދާއިރު، މި ބަލި ފެތުރުނަ ނުދިނުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ލަންކާ އިން ބުނެއެވެ.
ސްރީލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ސްރީލަންކާއިން ފެނުނު ނަމަވެސް، އެ ވައިރަސް އެ ގައުމުގައި އިތުރަށް ފެތުރިގެން ދިޔުމުގެ ފުރުސަތެއް އަދި ނެތްކަމަށެވެ.