ސަރުކާރުން ކިތަންމެ ބޭނުންވި ނަމަވެސް ހައްގު މިންވަރު ހޯދާ ނުދެވިގެން އުޅެނީ ނާގާބިލް ވަޒީރުން ގޮވައިގެން އުޅެން ޖެހިފައިވާތީ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.
މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ކިތަންމެ ބޭނުންވި ނަމަވެސް ހައްގު މިންވަރު ހޯދާ ނުދެވިގެން އުޅޭ ކަމަށް ރައީސް ނަޝީދު ދާދި ފަހުން ޖަލްސާއެއްގައި ވިދާޅުވި ކަމަށެވެ. އަދި އޭގެ ސަބަބަބީ ނާގާބިލް ވަޒީރުން ގޮވައިގެން އުޅެން ޖެހިފައިވާތީ ކަމަށްވެސް މުނާޒް ވިދާޅުވިއެވެ.
މީގެއިތުރުން މުނާޒްގެ ޓްވީޓްގައި ވިދާޅުވީ، އެލްޖީއޭ، ހޯމް މިނިސްޓްރީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، ޕޮލިސް ސާވިސް އަދި ކަރެކްޝަނަލް ސާވިސް ފްރީޒްވެފައި ވަނީ ހަމަ އެކަނި އެންމެ މީހަކާ ހެދި ކަމަށެވެ. މުނާޒް އެ އިޝާރާތް ކުރެއްވި ހުރިހާ މުއައްސަސާތަކުގެ އެންމެ އިސްވެރިއަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.