ފޯނު ނުދިން މައްސަލާގައި އަބްދުﷲ ސައީދުގެ ހުކުމް ބާތިލްކޮށް މިނިވަންވެއްޖެ

ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިއަދު އެމަނިކުފާނު މިނިވަންކޮށްފި އެވެ.

އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފެބްރުއަރީ، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެމަނިކުފާނު ހައްޔަރުކޮށް، ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން ފޯނު ނުދެއްވި ކަމަށް ބުނެ އެވެ. އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އެ މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ޖަލު ހުުކުމް އިއްވި އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ ހުކުމް ހައި ކޯޓުން ކުރިން އޮތީ ބާތިލްކޮށްފަ އެވެ.

މިއަދު ހައިކޯޓުން އެ މައްސަލަ ނިންމައި ކުރި ހުކުމްގައި ކަނޑައެޅީ ކުރިމިނަލް ކޯޓުން އިއްވާފައިވާ އެ ހުކުމް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށެވެ. އެހެންވެ އެ ހުކުމް ބާތިލްކުރީ އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު ގިނަ ދައުވާތަކެއް އުފުލިއެވެ. އޭގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރިއެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި، ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއެއްގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

އޭގެތެރެއިން ދެ ދައުވާއަކާ ގުޅިގެން އައި ދެ ހުކުމް ތަންފީޒުކޮށް އަބްދުﷲ ސައީދު ވަނީ ނިންމަވާފަ އެވެ. ފޯނު ނުދިން މައްސަލައިގެ ހުކުމް ތަންފީޒުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު އެވެ. ސިޔާސީ އެތައް ލީޑަރުންނެއް މިނިވަންކުރުމަށް އަންގާ ނެރެފައިވާ އެ އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ސިފައިން މެދުވެރިކޮށް ސުޕްރީމްކޯޓްގެ ތެރެއަށް ވަދެ އަބްދުﷲ ސައީދާ، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ވަނީ ބަންދުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!