ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދިރާސާކުރުމަށް ފަހު މިދިޔަ އަހަރު ނެރުނު ރިޕޯޓުގައި ހުރި ކަންތައްތައް ތަންފީޒު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ހާއްސަ ކޮމިޝަނެއް މިއަދު އެކުލަވާލައިފި އެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ “ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019” ގެ ހުށަހެޅުންތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް އަމަލީ ގޮތުން ތަންފީޒު ކުރުމަށާއި، ތަންފީޒު ކުރެވޭ މިންވަރު ބެލެހެއްޓުމަށް ހާއްސަ ކޮމިޓީއެއް ކޮމިޝަނަރު އޮފް ޕްރިޒަންސް މިއަދު އުފައްދަވާފައިވާ ކަމަށެވެ.
އެމްސީއެސް އިން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު އެކުލަވާލެއްވި ކޮމިޓީން ތަންފީޒުކުރާނީ އަދި ތަންފީޒުކުރެވޭ މިންވަރު ބަލާނީ، އިސްލާހުކުރަން ރިޕޯޓްގައި އެ ކޮމިޝަނަށް ހުށައަޅާފައި ހުރި ކަންކަން ކަމަށެވެ.
ޖަލުތަކާ ބެހޭ ރިޕޯޓްގައި ދައުލަތުގެ އެހެން އިދާރާތަކުން ރަނގަޅުކުރަން ޖެހޭ ބައެއް ކަންކަން ވެސް ހިމަނާފައިވެ އެވެ.
އެމްސީއެސްގެ މުވައްޒަފުން ހިމެނޭ ގޮތަށް އަލަށް އުފެއްދެވި ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި، އަހުމަދު އެދިވަޑައިގަތީ، އެމްސީއެސް އިން ބުނި ގޮތުގައި، ކަންކަން ތަންފީޒުކުރަން ހާއްސަ އިސްކަމެއް ދިނުމަށެވެ.
ގައިދީންގެ އަސާސީ ބައެއް ހައްގުތައް އެކަށީގެންވާ މިންވަރަށް ނުދޭތީ ކަމަށް ބުނެ، މި މަހު ކުރީކޮޅު މާފުށީ ޖަލުގެ ހާލަތު ވަރަށް ގޯސްވި އެވެ. އެ މައްސަލަގަނޑުގެ ތެރޭގައި ކޮމިޝަނަރުގެ މަގާމުން އަބްދުﷲ މުނާޒު ވަނީ ވަކިކޮށްފަ އެވެ.