އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން 1100 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވޭ

އަންނަ ލޯކަލް ކައުންސިިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން 1،100 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް ޕީޕީއެމް އިން މިއަދު ބުނެފި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން އެދި ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ކުރިން އޮތީ ހުޅުވާލައިފަ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން 1،146 ފޯމް އެ ޕާޓީއަށް ލިިބިފައިވާ ކަމަށާއި އޭގެ ތެރެއިން 14 އަތޮޅެއްގެ 51 ރަށެއްގައި ޓިކެޓް ދޭނެ މީހުން ކަނޑައަޅަން ޕްރައިމަރީ ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހަތަރު ސިޓީގައި ވެސް ޕްރައިމަރީ އޮންނާނެ ކަމަށާއި ޕްރައިމަރީތަކުގެ ގުރުއަތުލުން އަންނަ ބުދަ ދުވަހު އެ ޕާޓީގެ އޮފީހުގައި އޮންނާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

“ޕްރައިމަރީ މި އޮންނަނީ 7 ފެބްރުއަރީ ހުކުރު ދުވަސް. މެންދުރު ފަހުގެ ގަޑިއެއް ކަމަށް މި ބަލަނީ. ގަޑިވެސް ފައިނަލް ކޮށްފައި ހުރިހާ ކެންޑިޑޭޓުންނަށް އަންގަމުންދާނެ. ޕްރައިމަރީގައި މާލޭގައި ވެސް އަދި ކޮންމެ ރަށެއްގައި ވެސް އަދި އަތޮޅު ކައުންސިލަށް ކުރިމަތިލާ ދާއިރާތަކުގައި އެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ވެސް ފޮށިތައް ބަހައްޓާ ގޮތަށް މިވަނީ ހަމަޖެހިފަ.” ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރަން ޖެހޭ ކަމަށާއި މިމަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލާއިރު އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ ގިނައިން ނުވަތަ މަދުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައިވާ ނަމަ، ވޯޓު ބާތިލްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިޚާބުގެ ކަންކަން ބަލަހައްޓާ ކޮމެޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕްރައިމަރީގެ ވޯޓާސް ލިސްޓާ މެދު ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެންމެ ބޮޑަށް ލިބުނީ ޕާޓީގެ ބައެއް މެމްބަރުންނަށް ނޭނގި އެ ޕާޓީގެ ދަފްތަރުން އެ މީހުންގެ ނޭނގި ވަކިވެފައި އޮތް މައްސަލަ ކަމަށެވެ. އެހެންވެ، އެ މީހުންގެ ނަން ލިސްޓުން އުނިކުރަން ޖެހުނު ކަމަށާއި އަދި މައްސަލަ ހައްލު ކުރުމަށް ފަހު ގިނަ ރަށްރަށަށް ލިސްޓް ފޮނުވަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ފުވައްމުލައް ކަހަލަ ބޮޑެތި ރަށްރަށުގައި އަދިވެސް މި އުޅެނީ މައްސަލަތައް ހައްލު ނުކުރެވިގެން. އިރާދަކުރެއްވިއްޔާ ފުވައްމުލައް ކަހަލަ ބޮޑެތި ރަށްތަކުގައި ވެސް މިއަދު މައްސަލަ ހައްލުކޮށްފައި މިރޭގެ ވަގުތެއްގައި ކެންޑިޑޭޓުންނަށް ލިސްޓް ފޯރުކޮށްދޭނަން.” މުއާޒް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!