ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ވަގުތީ ގޮތުން ހިންގުން ޖެންޑާގެ ޑިރެކްޓަރަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީގެ ޑިރެކްޓަރަކާ ހިންގުން ހަވާލު ކޮށްފައި ވަނީ ހިޔާގެ އިސްވެރިޔަކަށް ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް މިދިޔަ ބުރާސްފަތި ދުވަހު އެމަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކުރުމާ ގުޅިގެންނެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ކުޑަ ކުދިންގެ ހިޔާ މިހާރު ހިންގަނީ މިނިސްޓްރީގެ ޑިރެކްޓަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެއީ ސިވިލް ސާވިސް މުވައްޒިފަކަށް ވުމުން އެމީހާގެ ނަމެއް އޮފިޝަލް ހާމައެއް ނުކުރައްވައެވެ.
ކުރިން އެ މާގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވަނީ ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެޗްއާރްސީއެމުން ބަލަމުން އަންނަނީ އޭނާގެ ކޮން މައްސަލައެއްކަން އެނގިފައެއް ނުވެއެވެ. ހިޔާގެ ސީއީއޯގެ މަގާމަށް އޭނާ އައްޔަންކޮށްފައި ހުންނެވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ.