ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ރަޖިސްޓްރީވުން މުހިންމު: ފޮރިން މިނިސްޓްރީ

ރާއްޖެއިން ބޭރަށް ދަތުރުކުރާނަމަ ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްފަހު ދަތުރުކުރުމަށް އެމިނިސްޓްރީން އަނެއްކާވެސް އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖެއިން ބޭރަށް މިދުވަސްކޮޅު ދަތުރުކުރާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓްރީ ވުމަށްފަހު ދަތުރުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކުރައްވާފައިމިވަނީ ކޮރޯނާ ވައިރަސް ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން، ބޭރު ޤައުމުތަކުގައި އުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

އެމިނިސްޓްރީން ވިދާޅުވީ މިވައިރަސް ފެންނަމުންދާ ޤައުމުތައް އިތުރުވަމުން އަންނައިރު އެޤައުމުތަކުގައި ތިބި ދިވެހިން ދެނެގަތުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެ. ޢާއްމު ގޮތެއްގައިވެސް ރާއްޖެއިން ބޭރަށް ފުރާއިރު ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ނުވަތަ އެދަތުރުކުރާ ޤައުމެއްގައި ހުންނަ ރާއްޖޭގެ މިޝަނަށް އެންގުމަށް އެދެނީ މިފަދަކަމެއް ދިމާވާ ޙާލަތްތަކުގައި ދިވެހިންގެ ޙާލުބެލުމަށާއި އެހީ ފޯރުކޮށް ދިނުމަށް އެންމެ އަވަސްގޮތެއްގައި މަސައްކަތްކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވއެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ފޮރިން މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓަރވުމުގެ ފުރުސަތު އޮވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރުނުއިރު އެންމެ ފުރަތަމަ ވުހާންގައި ތިބީ 5 ދިވެއްސެއްކަމަށާ، އެހެންނަމަވެސް އިތުރު މީހުން ތިބިކަމުގެ މަޢުލޫމާތު ފަހުން ލިބުނުކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!