ފުލުހުންގެ އެންގުމަށް ފޯނު ނުދެއްވިކަމަށްބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
މި ހުކުމްކުރީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައިކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުން މިމައްސަލައިގަ ސިއްރުހެކިބަސް ނަގާފައިވަނީވެސް ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި ފުލުހުން އެދިގެން ނުދީފައިވަނީ ކޮންފޯނެއްކަން ދައުލަތަކަށް ސާފުކޮށް ދެވިފައި ނުވާކަމަށާއި، އަދި އެފޯނުގައިވަނީ ކޮން ހެކިތަކެއް ކަންވެސް ސާބިތުކޮށްދީފައި ނުވާކަން ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ފޯނެއް ގެއްލިގެން ނުވަތަ ނުދެވިގެން ހަމައެކަނި އެސަބަބުގެ މައްޗަށްބަލާ އެދަޢުވާ ނުކުރެވޭނެކަމަށްވެސް ހައިކޯޓުން ނިންމާފައިވެއެވެ.
ޢަބްދުﷲ ސައީދުގެ މައްޗަށް އިއްވާފައިވާ އެއްއަހަރާއި ހަތް މަހާއި ހަތް ދުވަހުގެ ޖަލުހުކުމް ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި ހުކުމް ތަންފީޒުކުރަން ފަށާފައިވަނީ އޭގެ ކުރިން އޭނާގެ މައްޗަށް ކޮށްފައިވާ ދެ ހުކުމެއް ތަންފީޒުކޮށް ނިމުމުންނެވެ.