އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އިންޑިއާގެ ވެރިންނަށް ރައީސް ފޮނުއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އިންޑިއާގައި މިއަދު ފާހަގަކުރަމުންދަނީ އެގައުމުގެ 71 ވަނަ ޖުމްހޫރީ ދުވަހެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމާއެކު އެ ގުޅުން ވަނީ އަލުން ބަދަހިވާން ފަށާފައެވެ.
އެގޮތުން ރައީސް ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވިއިރު، ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ސޯލިހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް އިންޑިއާ އަށެވެ.