ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ހުދުރަންފުށި ރިސޯޓުގައި ފަތުރުވެރިޔަކާ ބެހެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންބުނެފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތިދުވެހުގެ ރޭ 22:58ގައި ކަމަށެވެ.
އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ރިސޯޓުގެ މުވައްޒަފަކަށެވެ. އަދި އެ ފަތުރުވެރިޔަކީ ކަޒަކިސްތާންގެ ފަތުރުވެރިއެއް ކަމަށާއި އޭނާ ރާއްޖޭއައީ އެކަނި، ޗުއްޓީއެއް ހޭދަކޮށްލަން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ރިސޯޓުތަކުގައި ޓޫރިސްޓުންނާ މެދު ބަދުއަޚުލާގީ އަމަލު ހިންގުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.