އަދީބުގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުން މިއަދު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލް ކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

އޭގެ ތެރެއިން މަނީ ލޯންޑްރިންގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާގެ ޝަރީއަތް މިއަދު މެންދުރު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރީ ދައުލަތުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

މިދިޔަ ހަފުތާގައި ވެސް އެހެން ދެ ދައުވާއެއްގެ ޝަރީއަތް ބާއްވަން ހަމަޖެއްސުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ. އެ ދުވަހުގެ އަޑުއެހުން ކެންސަލްކުރީ އަދީބުގެ ވަކީލް އެގޮތަށް އެދިވަޑައިގަތުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!