ރައުދާގެ މަރު ތަހުގީގު ކުރި ފުލުހުންނާ ގުޅިގެން ދައްކާ ވާހަކަތައް ދޮގުކޮށްފި

ބަންގްލަދޭޝްގައި ތައުލީމު ހާސިލު ކުރަނިކޮށް މަރުވި ރައުދާ އާތިފްގެ މަރު ތަހުގީގު ކުރި ފުލުހުނާ ގުޅިގެން ދައްކަމުން ގެންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުންގެ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ ރައުދާގެ މަރުގެ މައްސަލައަކީ ބަންގްލަދޭޝް ޕޮލިސްގެ ފަރާތުންނާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުނާއި އަދި ގޮތް ނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީހުންނާ ގުޅޭ ގޮތުން ހަދާފައިވާ ރިޔާސީ ކޮމިޝަނުގެ ފަރާތުން ވަކިވަކިން ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށެވެ.

އަދި އެ ތިން ފަރާތުން ކުރި ތަހުގީގުގައި ވެސް އާދެވިފައި ވަނީ އެއް ނިންމުމަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން އެ މައްސަލައިގެ ތަހުގީގު ހިންގުމުގައި އުޅުނު ފަރާތްތަކާއި އަދި އެ ތަހުގީގު ކުރި ގޮތާ ބެހޭގޮތުން މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަތަކެއް ނޫންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ ރައުދާގެ ބައްޕަ ޑރ.މުހައްމަދު އާތިފް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް ތުހުމަތުތަކެއް މީޑިއާތަކުގައި ކޮށްފައި ވަނިކޮށެވެ. ރައުދާގެ ބައްޕަ އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭސީޕީ ރިޔާޒު ރައުދާ އާތިފްގެ މަންމައަށް ޕޮލިސް ހެޑްކުއާޓަރުގައި ބިރުދެއްކި ކަމަށް ތުހުމަތު ކޮށްފައެވެ. ރައުދާގެ މަރުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދި ރައުދާގެ މަންމައަށް ބިރުދެއްކި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މިއަދު އެ ހަނދާންތައް ރިޔާޒު ނެތީ އެއީ އެމަނިކުފާނުގެ “ބަލި ހަނދާނެއްތޯ”ވެސް އާތިފް ވަނީ ސުވާލު ކޮށްފައެވެ.

އާތިފު ބުނީ ރައުދާގެ މަރުގެ އެންމެ މުހިންމު ފޮރިންސިކް ހެކި ކަމަށްވާ، ރައުދާ އަމިއްލައަށް މަރުވާން ބޭނުންކުރި ކަމަށްބުނާ ސްކާފް އޭސީޕީ ރިޔާޒު ވަނީ ވަގަށް ނަންގަވާފައި ކަމަށެވެ. ރާޖްސާހީގެ ފުލުހުންނާއި ގުޅިގެން ރިޔާޒު އެ ސްކާފް ވަގަށް ނެންގެވީ ރޭގަނޑު ދަންވަރު ކަމަށްވެސް އާތިފުގެ ޕޯސްޓުގައި ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!