ރައީސް ޔާމީން ހުންނެވީ ދެ ރައީސުންވެސް ތިއްބެވި ޔުނިޓްގައި، އެއަށްވުރެ ފެންވަރު ރަނގަޅަށް: އިމްރާން

މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދު ހުންނެވި ޔުނިޓުގައި، އެއަށްވުރެވެސް ފެންވަރު ރަނގަޅަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުންދަނީ އަނިޔާވެރިކޮށް ކަމަށާ ގިނަ ހައްގުތަކަކުން އެމަނިކުފާނު މަހުރޫމް ކުރައްވާފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ގިނަ ދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގެން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މއ، ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ރައީސް ނަޝީދާއި، ރައީސް މައުމޫން “ނުހައްގު”ން ބަންދުކޮށްފައިވާ ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެ ތަނުގައި ކަމަށެވެ.

ނަޝީދާއި މައުމޫންގެ އިތުރުން ވެސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހުކުމް އިއްވި ސިޔާސީ ބޭފުޅުން އެތަނުގައި ބޭތިއްބި އެވެ. ފަހުން، އެ ޔުނިޓް މަރާމާތުކޮށް، ޖާގަ އިތުރުކުރި އެވެ.

ޔާމީންގެ ސަރުކާރުން އެ ޔުނިޓް ހެދީ، ޖަލަށް ހުކުމް ކުރާ ސިޔާސީ ބޭފުޅުންނަށް ޚާއްސަ ރައްކާތެރިކަމެއް ދިނުމަށެވެ.

އަދުރޭ ވިދާޅުވެފައިވާ ގޮތުގައި ޔާމީން ވަނީ، އެތައް ހައްގަކުން މަހްރޫމްކޮށްފަ އެވެ.

“ވިދާޅުވީ ފެންވެރުމުގެ ކަންކަން ވަރަށް ދައްޗޭ. ތުނބުޅި ބޭލޭނެ ގޮތެއް ނެތޭ. ކާން ގެންނަ އެއްޗެހި ރޮލެއް ނުފިލުވައޭ. ސާޅީސް ފަސް ދުވަސް ވެގެން ދިޔައިރު ކާން ދެނީ އެކައްޗެކޭ. ނިދާކަށް ފަސޭހައެއް ނޫނޭ. ގަސްތުގައި އަޑުގަދަ ކުރަނިއްޔޭ. އެހާ ހިސާބަށް ވާހަކަ ދިޔައީމާ އެ ވާހަކަ އަޑުއަހާކަށް އަޅުގަނޑަށް އިތުރަށް ކެތެއް ނުވި. ހަމަ ހަގީގަތަށް މިދަންނަވަނީ އަޅުގަނޑަށް ރޮވުނު،” ސިޔާސީ ގޮތުން ޔާމީނާ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދުރޭ ވިދާޅުވި އެވެ.

އަދުރޭ މި ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ހޯމް މިނިސްޓަރުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ބަޔާނުގައި ވެސް ބުންޏެވެ.

އެ ބަޔާނުގައި ބުނީ ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ކަށަވަރުކޮށްދޭން ޖެހޭ އެންމެހައި އަސާސީ ހައްގުތަކާއި އިނާޔަތްތަކެއް އަންނަނީ ފޯރުކޮށްދެމުން ކަަމަށެވެ. މީޑިއާގައި އާއްމު ކޮށްފައިވާ އެއްވެސް ޝަކުވާއެއް ޔާމީންގެ ފަރާތްޕުޅުން އަދި އެމަނިކުފާނުގެ ވަކީލުގެ ފަރާތުން ވެސް ހުށަހަޅާފައި ނުވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ބަޔާނުގައި ބުނީ ޑިސެމްބަރު، 30، 2019 ގައި ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އިންސްޕެކްޓާ އޮފް ކަރެކްޝަންސް ސާވިސް އަދި ޖަލުތަކުގެ މިހާރުގެ ވެރިޔާ އަހުމަދު މުހައްމަދުފުޅު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައި ކުރިއަށް ގެންދެވި އިންސްޕެކްޝަންސްގައި ވެސް ޔާމީނާ ބައްދަލުކުރައްވައި ހާލު ބެއްލެވި ކަަމަށެވެ. އެކަމަކު މީޑިއާގައި މިހާރު ދައްކާފައިވާ އެއްވެސް ވާހަކައެއް ގައިދީ ވިދާޅުނުވާ ކަމަށް ކަރެކްޝަންސްގެ ބަޔާނުގައި ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!