ރައީސް ޔާމީނާ ގުޅޭގޮތުން އަދުރޭ ދެއްކި ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުންދަނީ އަނިޔާވެރިކޮށް ކަމަށާ އެމަނިކުފާނު މިހާރު ހުންނެވީ މުޅިން ހިކި އަނަރޫފަވެފައި ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އިދިކޮޅުން ތިލަދުންމައްޗަށް ކުރަމުންދާ ދަތުރުގައި ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޖަލުގައި ރައީސް ޔާމީނަށް އަނިޔާ ލިބެމުންދާ ކަމަށާ އެއީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިން ބޭނުން ވެގެން ގަސްތުގައި ދެމުންދާ އަނިޔާތަކެއް ކަމަށެވެ.

އެ ވާހަކަތައް ދޮގުކޮށް ހޯމް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ރައީސް ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމަޔަށް ފޯރުކޮށްދެމުން ދާކަމަށެވެ.

މީޑިއާގައި ފެތުރެމުންދާ ފަދައެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ރައީސް ޔާމީނާއި، އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އާއިލާގެ ފަރާތުންވެސް ލިބިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

“އަދި 30 ޑިސެމްބަރ 2019 ވަނަ ދުވަހު މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ އިރުޝާދުގެ ދަށުން އިނިސްޕެކްޓަރު އޮފް ކަރެކްޝަން ސާވިސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ ކުރިޔަށްގެންދެވި އިނިސްޕެކްޝަންގެ ހަވާސާގައި ދެންނެވިފައިވާ ގައިދީ [ރައީސް ޔާމީން] އާ ބައްދަލުކުރައްވާ އޭނާގެ ހާލުބައްލަވާ އޭނާގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުއްވާފައިވޭ. މި ބައްދަލުވުމުގައިވެސް މީޑިޔާގައި ދައުރުވަމުންދާފަދަ އެއްވެސް ކަމެެއްގެ ފާހަގަކޮށްފައި ނުވާކަންވެސް ފާހަގަކުރަން.” ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ހާލަތު ރަގަޅުކޮށް ގައިދީންނާއި ބަންދުމީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!