ދިވެހި ސަރުކާރުން ޗައިނާގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި 7 ދިވެހިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން މިއަދު ނިންމަވައިފިއެވެ.

ވޫހާންގަ ތިބި ދިވެހިންގެ ހާލު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި މިނިސްޓްރީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޫހާން ސިޓީގައި ތިބި 7 ދިވެހުންގެ ހާލު ވެސް ރަގަޅެވެ.

ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި ވޫހާންގައި ތިބި 7 ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ދަނީ ޗައިނާ ސަރުކާރާއި މަޝްވަރާކުރަމުންނެވެ. އަދި ހަމަ މިކަމާއި ގުޅޭގޮތުން، ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު އިންވަނީ ދެއްވާފައެވެ.

ޗައިނާގެ އެކި ހިސާބުތަކަށް މި ވައިރަސް ފެތުރެމުންދާއިރު އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެކަން ކުރުމަށްޓަކައި، ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެ މީހުންނާ ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓަރީއަށް ނުވަތަ ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ހިއްސާކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮންސިއުލަރ އިމަރޖެންސީ ނަމްބަރު: 7983400

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!