ޗައިނާގައި މިހާރު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަސް އަށް ޝައްކުވާ ރާއްޖެއިން މިހާތަނަށް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޕޯޓްތަކުގައި ނޮވެލް ކޮރޯނާ ވައިރަސްއަށް ސްކުރީން ކުރެވެމުންދާ ކަމަށާއި މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވާ ކަމަށެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ އެއްވެސް މީހަކު އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަން އެޗްޕީއޭ އިން ހާމަކޮށްފައި މިވަނީ، މިބަލި ޖެހިފައިވާ ޗައިނާގެ ރައްޔިތަކު ރާއްޖެއިން ފެނިފައިވާކަމަށްބުނެ މީސްމީޑިއާގައި މިއަދު އަޑު ފެތުރިފައި ވަނިކޮށެވެ.
ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، މި ވައިރަސް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް ޕޮޒިޓިވްވެ 41 މީހަކު ވަނީ މަރުވެފައެވެ.