ބައްޕާއެވެ. އަހަންނަށް ރަޙުމްކުރާށެވެ.

އިންސާނީ މުޖުތަމަޢުތަކުން މިއަދު ފެންނަމުންދާ މަންޒަރުތަކާއި، އިވޭ އަޑުތަކާއި ހިނގާ ޙާދިޘާތަކުން މީހަކު ފިއްކަނޑައިގެންދާވަރު ވެއެވެ. ކުޑަކުޑަ ކުދީންނާމެދު ހިންގޭ ބޮޑެތި ޖަރީމާތަކުން ހިތްތަކަށް ބިރުވެރިކަންވެރިވެއެވެ. މައިންނާއި ބަފައިންނާއި އަމިއްލަ ދަރީން ވަކި ކުރަން ނޭނގޭ އިންސާނުންގެ ސިފައިގައި، އިންސާނީ ޠަބީޢަތު ގެއްލިފައިވާ މީހުންވެސް ދިރިއުޅޭތީއެވެ.

މަޢުސޫމު ޅަދަރީން ބެލެހެއްޓުމާއި އަޅާލުމުގެ ޒިންމާ އުފުލުމާ ހަވާލުވެވިފައިވާ ފަރާތްތަކުން އެ ޅަދަރީންނަށް ޖިންސީ ގޯނާއާއި ޖިސްމާނީ އަނިޔާތައްދޭ ހިނދު، އަހުރެމެންނަށް ތިޔަ ފަދަ އަނިޔާތަކާއި ގޯނާތައް ތިޔަކުރަނީ، އަހުރެމެން ކޮން ކުށެއްކޮށްގެންތޯ އެ މަޢުޞޫމު ދަރީން ސުވާލުކުރާނެ ކަމާއިމެދު މި ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކުން ނުވިސްނަނީތޯއެވެ.

އެކުޑަ ކުޑަ ތުއްތު މައުސޫމް ކުޑަކުދީން ބޮޑެތި މީހުންގެ ކިބައިން އެދެނީ ހަމައެކަނި އެކުދިންނަށް އާޅާލައި އޯގާތެރިވުމަށެވެ. މާތްﷲ އެ ކުދީންގެ ޖިސްމާއި ނަފްސުގެ ޠަބަޢީ ސިފަތައް ބިނާކޮށްފައިވަނީ، ކުލުނާއި ރައްކާތެރިކަން ލިބިދިނުމުގެ މައްޗަށެވެ.

ކުދިން ތަރުބިއްޔަތުކުރުމުގެ މައްސޫލިއްޔަތު އެންމެ ބޮޑަށް ގުޅިފައިވަނީ ޢާއިލާއާއެވެ. ދެން މުޖްތަމަޢުގައި ހުންނަ ތަރުބަވީ މުއައްސަސާތަކާއެވެ. އަދި ކޮންމެ ފަރުދެއްގެ ކޮނޑުގައިވެސް މި މައްސޫލިއްޔަތު އެޅިފައިވެއެވެ. އެއީ އެކުއްޖާގެ މުދައްރިސް، ބޭބެ، ދުރުތާތިމާގެ މީހެއް ނުވަތަ ކައިރީގައި ހުންނަ ފިހާރައިގެ ސޭޓު ކަމުގައި ވީނަމަވެސް އެވެ. އެހެންކަމުން މުޖުތަމައުއެއްގައި ޅަދަރިން ރަނގަޅުގޮތުގައި ބޮޑުކުރުމަށްޓަކައި މައިންބަފައިންގެ އިތުރުން ކޮންމެ ފަރުދެއް ވެސް އެފަރުދެއްގެ ޒިންމާ ނަންގަވަމާތޯއެވެ.

މައިންބަފައިން، އޭނާގެ ދަރިއަށް ފައިދާހުރި ކަންތައްތައް އުނގަންނައި ނުދީ، އެދަރި ބޭކާރުގޮތުގައި ދޫކޮށްލައި އިޙުމާލުވެއްޖެނަމަ އެއީ އޭނާއަށް ދެވޭ ބޮޑު އިހާނާތެކެވެ. ގިނަ ދަރިންގެ އަޚްލާޤް ގޯސްވެ، ހަލާކުވެގެން ދިޔުމުގެ ސަބަބަކީ އެދަރިންގެ މައިންބަފައިން، އެދަރިންގެ ތަރުބިއްޔަތުގައި އިހުމާލު ވުމެވެ. އަދި ދީނުގެ ފަރުޟުތަކާއި ސުއްނަތްތައް އެދަރިންނަށް އުނގަންނައި ދީފައި ނުވުމެވެ. އޭގެ ސަބަބުން އެދަރިންގެ މައިންބަފައިން މުސްކުޅިވާ ދުވަހު، އެދަރިންގެ ފަރާތުން އެމައިންބަފައިންނަށްވެސް ފައިދާއެއް ނުކުރެއެވެ. އެފަދަ ދަރިން ބުނެއެވެ. އޭ ބައްޕާއެވެ. ބައްޕަ އަހަރެން ކުޑައިރު އަހަރެންނާ އަޅާނުލީމުއެވެ. އެހެންކަމުން މިއަދު ބައްޕަ މުސްކުޅިވީ ދުވަހު އަހަރެންވެސް ބައްޕައާ އަޅާނުލަމެވެ.

ކުޑަކުދީންނަށް ރަޙުމުނުކުރާ މީހުންނަކީ، އެބައެއްގެ ހިތްތަކުން ރަޙްމަތާއި ކުލުނުވެރިކަން ނެތިކުރައްވާފައިވާ އަނިޔާވެރި ބަޔެކެވެ. އިންސާނުންގެ ސިފާގައި ތިބި ނުބައި މަޚްލޫޤުންތަކެކެވެ. ނަމަވެސް މާތްﷲ އިންސާނުން ހައްދަވާފައިވަނީ ތެދުމަގަށް ރުޖޫއަވުމަށް ކަމަށް ވީހިނދު، ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުންނަށްވެސް އެކަމުން ސަލާމަތްވެވޭނެއެވެ. އެފަދަ މީހުން ފުރަތަމަ ކަމެއްގެ ގޮތުން ކުރަން އޮތް ކަމަކީ ފާފަކުރެވޭ ހާލަތާއި ފާފަކުރަން ޝައުޤްވެރިވާ ސަބަބު ހޯދުމެވެ. އަދި އެފަދަކަން ކަމަށް ހައްލެއް ހޯދުމެވެ. ހަމަ އެއާއިއެކު ގިނަގިނައިން އިޚްލާޞްތެރިކަމާއިއެކު ތައުބާވުން ގިނަ ކުރުމެވެ. ގިނަގިނައިން ތައުބާވާނަމަ ﷲ ތަޢާލާ މަގު ދައްކަވާނެތެވެ!

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!