އަދީބުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއްގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލް ޤަފޫރުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކާއި ގުޅޭ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އާދިއްތަ ދުވަހު މެންދުރު 14:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ އަދީބުގެ މައްޗަށް ކުރެވޭ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކާއި، މަނީ ލޯންޑަރިންގ ގެ ދައުވާގެ އަޑުއެހުމެކެވެ.

އަދީބުގެ މައްޗަށް ހިޔާނާތުގެ އިތުރު ދައުވާތަކެއްވެސް ކޮށްފައިވާއިރު، އަދީބުގެ މައްޗަށް ކުރެވޭ ހިޔާނަތްތެރި ވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެއް މި މަހުގެ 21 ވަނަ ދުވަހުގައިވެސް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް ދިފާއީ ވަކީލުގެ އެދިލެއްވުމަކަށް އެ އަޑުއެހުން ވަނީ ކެންސަލް ކޮށްލާފައެވެ.

އޭގެ އިތުރުން، މި މައްސަލައިގައި އޭގެ ކުރިންވެސް އަޑުއެހުމެއް ތާވަލު ކުރިއެވެ. ނަމަވެސް އެފަހަރުވެސް ދިފާޢީ ވަކީލުގެ އެދިލެއްވުމަކަށް އަޑުއެހުން ކެންސަލް ކޮށްލާފައިވެއެވެ.

އަދީބުގެ މައްޗަށް ޚިޔާނާތުގެ އިތުރު ދަޢުވާތަކެއް އުފުލާފައިވާއިރު، ޓަގު ބޯޓެއްގެ ފަޅުވެރިއަކަށްވެގެން ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލާގައި އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކުރި ޙުކުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެގޮތުން ދައުލަތުންކުރި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދަޢުވާ ސާބިތުވެ ތިން މަހާއި 18 ދުވަހު ޖަލަށްލާން ޙުކުމްކުރި ފަހުންވެސް ދައުލަތުން ވަނީ ޚިޔާނާތުގެ އިތުރު ދަޢުވާތަކެއް ވެސް އަދީބުގެ މައްޗަށް އުފުލައިފައެވެ.

ޅ. މާބިންހުރާ ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ އަދީބުގެ މައްޗަށް ސާބިތުނުވާކަމަށް ހުކުމްކުރުމާއި ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް އެ މައްސަލާގައި އަދީބު މުޖުތަމަޢަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީ އާއި ފިއްލަވާފާނެތީ އަދި އެކަން ކަށަވަރުވެފައިވާތީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!