އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއް ނެތުމުން ދައުލަތުގެ ބެލުމުގެ ދަށައް ހަތަރު ކުއްޖަކު ނަގަން މަސައްކަތް ކުރުމުން އެެ ކުދިން ނިސްބަތްވާ ރަށުގެ ބައެއް މީހުން އެކަމަށް ހުރަސް އަޅައިފި އެވެ.
ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ މެދުރާއްޖެތެރޭގެ ރަށެއްގެ އެއް ޢާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއް ކަމުގައިނުވާތީ، އެ ކުދިންތައް ރައްކާތެރި މާޙައުލަކަށް ނެގުމަށް މިއަދު ކުރަމުންދާ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން ހުރަސްއަޅަމުން އަންނަ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ. އަދި އެ ކަމަށް ބަޔަކު ހުރަސް އަޅަމުން ދަނީ ކިހިނެއްކަން ޖެންޑާ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި އެ ކަމަށް ހުރަސްއެޅީ އެ ރަށުގެ ބައެއް މީހުންނެވެ.
މި މައްސަލައިގައި، ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދޭން ހުރަސްއަޅާ މީހުން ހައްޔަރުކުރަން ޓުވިޓާގައި ގޮވާލާފައިވާ އިރު މިނިސްޓްރީން އަމަލުކުރި ގޮތް ގޯސްކަމަށް ބުނެ މީހަކު ޓުވީޓްކޮށްފައިވެ އެވެ.
އެ ކުދިންގެ އާއިލާގެ މީހެއް ކަމަށް ބުނާ އެ މީހާ ލިޔެފައިވާ ގޮތުގައި 10 ވަރަކަށް ފުލުހުން އެއްފަހަރާ ރަށަށް އަަރައި އެ ކުދިން ގެންދަން އުޅުމުން ރައްޔިތުން ހިތްހަމައެއް ނުޖެހޭނެ އެވެ. އެ ކުދިންނާ ގުޅޭ މައްސަލަ ބަލާތާ އެތައް ދުވަހެއް ފަހުން، ހާލަތު ވަޒަން ނުކޮށް އެ ކުދިން ގެންގެން އުޅުމަކީ ގޯހެއް ކަމަށް އެ މީހާ ބުނެފައިވެ އެވެ.
ދިރިއުޅޭ މާހައުލުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ރައްކާތެރި ނޫން ނަމަ ވެސް އެސެސްމެންޓްތައް ހެދުމަށް ފަހު އާއިލާގެ އެހެން މީހަކާ ހަވާލުކުރެ އެވެ. އާއިލާ އިން އެ ކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްނުދޭ ނަމަ ދައުލަތުގެ ބެލުމުގެ ދަށުން ބައިތިއްބަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ނުވަތަ ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ.