ސާފުތާހިރު ކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ބިދޭސީން ތައްޔާރުކުރާ ކާބޯތަކެތި ދަރިވަރުންގެ އިންޓަވަލްގެ ގޮތުގައި ވެސް ވިއްކަމުންދާ ކަން އިމިގްރޭޝަނުން އާއްމުންގެ ސަމާލުކަމަށް ގެނެސްފި އެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން ހިންގި ރޫޓިން އިންސްޕެކްޝަންތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން ހާމަކުރި މައުލޫމާތުތަކެއްގައެވެ. ރޫޓިން އިންސްޕެކްޝަންތަކުގައި ފެނުނު މަންޒަރުތައްވެސް ސޯޝަލް މީޑިއާގައި އެ އިދާރާއިން ވަނީ ހިއްސާކޮށްފައެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ޚަލީލް މިއަދު ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުން އާއްމުކޮށް އިންޓަވަލަށް ދޭން ފިހާރަތަކުން ގަންނަ ބައެއް ތަކެތި އެތަނުގައި ތައްޔާރުކުރި ތަން އިންސްޕެކްޝަންގައި އުޅުނު މުވައްޒަފުންނަށް ފެނުނު ކަމަށެވެ. ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ތައްޔާރުކުރަމުން ދިޔަ އެ ތަކެއްޗަކީ ކުދިންނާއި އާއްމުން ކާން ވެސް ހެޔޮނުވާނެ މިންގަނޑެއްގައި ހުރި ތަކެތި ކަން އޭނާ ފާހަގަކުރެއްވި އެވެ.
“ކުދިންނަށް އިންޓަވަލަށް މި ދޭ ސަބްމެރިން ފަދަ ތަކެތި އެތަނުން ތައްޔާރުކޮށް ލޭބަލް ޖަހައި ފިހާރަ އަށް ގެންގޮސްފައި ހުރި ތަން އަޅުގަނޑުމެން ބައެއް ފިހާރަކަށް ގޮސް ބެލުމުން ފެނުނު،” ޚަލީލް ވިދާޅުވި އެވެ.
ސޭންޗްވިޗާއި އެކި ވައްތަރުގެ ބަނަހުގެ އިތުރުން، ޖަބްލާނީ ވެސް ތަފާތު އެކި ގޮތްގޮތަށް ހަދައިގެން، ބިދޭސީން ފިހާރަތަކަށް ނެރެ އެވެ. ނުތާހިރުކޮށް ހަދާ މިތަކެތި ހުންނަނީ ޕެކްޓްތަކުގައި ބަންދުކޮށް ލޭބަލްކޮށްފަ އެވެ.
ބިދޭސީން ދިރިއުޅޭ ތަންތަން އިންސްޕެކްޓްކުރަނީ، ކާބޯތަކެތީގެ ސާފުތާހިރުކަން ދެނެގަތުމަށް ނޫން ކަމަށް ވިޔަސް އާއްމުންގެ ސިއްހަތާ ގުޅިފައިވާ ކަމެއް ފެނުމުން ވަގުތުން އެކަން ސަމާލުކަމަށް ގެނައީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އާއްމުން ހޭލުންތެރިކުރަން ވީޑިއޯ އާއްމުކުރުމުން ބައެއް މީހުން ވަނީ ޓުވިޓާގައި އެކަން ފާހަގަކޮށްފަ އެވެ.
އިމިގްރޭޝަނުން ނިންމާފައި ވަނީ، ކާބޯތަކެތީގެ ސާފުތާހިރު ކަން ބެލުމުގެ ގާނޫނީ ޒިންމާ އޮންނަ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން އެކަން ހުއްޓުވަން ފިޔަވަޅު އެޅުމަށެވެ.
މިހާ ސާފުތާހިރުކަން ދަށްކޮށް ކާބޯތަކެތި ހަދަނީ ފިހާރަތަކުގައި އެކަންޏެއް ނޫނެވެ. ބިދޭސީންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިގެން ދިވެހިން ހިންގާ ބައެއް ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓްތަކުގެ ހާލަތަކީ ވެސް މި އެވެ.