އުދަ އަރައި ފޮއްދޫގެ ޖެޓީ ރަށާއި ވަކިވެއްޖެ

ނ. ފޮއްދު އަށް ފަހުގެ ތާރީހެއްގައި ނާރާހާ ބޮޑަށް ރޭ އުދަ އަރައި، އެ ރަށު ޖެޓީން ރަށާ ގުޅިފައިވާ ބައި ވަކިވެއްޖެ ވަކިވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޝާމީ މިއަދު ވިދާޅުވީ އުދައާއެކު ޖެޓީ ހަލާކުވެ ލަފާފުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެކަން ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަށުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ އެ ޖެޓީގެ ދިގުމިނުގައި 230 ފޫޓު ހުރެ އެވެ.

ޝާމީ ވިދާޅުވީ ދިޔަވަރު ބޮޑުވެ، ރަށުގެ އެއްގަމަށް 250 ފޫޓަށް ރާޅު އެރި ކަމަށެވެ. މީގެ ކުރިން އުދަ އެރިޔަސް، އަރަނީ ރަށުގެ 50-100 ފޫޓަށް ކަމަށް ވިދާޅުވި އެވެ.

ޖެޓީން، ރަށާ ގުޅިފައިވާ ބައި ހަލާކުވުމުން، މި ވަގުތު ލަފާފުރުމުގެ ކަންކަން ކުރަނީ ހުޅަނގު ފަރާތުން ޑިންގީ ނުވަތަ ބޮއްކުރައެއްގައި ގޮސްގެންނެވެ. އެ ސަރަހައްދުގައި ފަޅެއް ނެތުމުން، އެއީ ރައްކާތެރި ގޮތެއް ވެސް ނޫންކަމަށް ވިދާޅުވި އެވެ.

ފޮއްދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރަން މިއަހަރުގެ ބަޖެޓުގައި 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހިމަނައިފަ އެވެ. ނަމަވެސް އެކަމުގެ މަސައްކަތެއް އަދި ނުކުރެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!